ކުޅިވަރު

ސަޕޯޓަރުން ޓީމަށް ހެޔޮ ދުޢާކޮށްދީ


ކޮންމެ ހާލަތެއްގައިވެސް ޤައުމީ ޓީމުގެ ބާރަވަނަ ކުޅުންތެރިޔާ އަބަދުވެސް ޒިންމާ އަދާކުރާކަމަށާއި، ސަޕޯޓަރުން ޓީމަށް ހެޔޮދުއާ ކޮށްދިނުމަށް ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ސަޕޯޓަރުންގެ ކިބައިން އެދިއްޖެއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ދެ މެޗަށް މިހާރު ޓީމު އޮތީ ތައްޔާރުވެފައެވެ. މިމަހުގެ 4ވަނަ ދުވަހު ރާއްޖެ ނިކުތީ ސީރިއާއާ ދެކޮޅަށެވެ. އެމެޗުގައި ސީރިއާ މެޗު ކާމިޔާބުކުރި 4-0 ލަނޑުންނެވެ. ޗައިނާއާއި ދެކޮޅަށް މިމަހުގެ 11ގައި ނިކުންނައިރު އަދި ފަހު މެޗުގައި ފިލިޕީންސާއި ދެކޮޅަށް ނިކުންނާނީ މިމަހުގެ 13ގައެވެ.

ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ މި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރުމަށް ޓީމު އޮތީ ތައްޔާރަށްކަމަށާއި، މިހާރު ޓީމަށް ބޭނުންވަނީ ހެޔޮދުއާކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ޓީމުގެ ކުޅުންތެރިން މި ކުރާ މަސައްކަތަށް ޝުކުރު ހައްގުކަމަށާއި، މިއީ ޤައުމީ ޖޯޝާއިއެކު އެންމެންވެސް ޓީމާއިއެކު ތިބެންވީ ވަގުތުކަމަށް އޭނާ ބުންޏެވެ.

"ސަޕޯޓަރުންވެސް ޤަބޫލުކުރަންވީ އަޅުގަނޑުމެން މި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ހޯދާނެކަމަށް. މިއީ އުނދަގޫ ދަނޑިވަޅެއް. އަޅުގަނޑުގެ މެސެޖަކީ ހުރިހާ އެންމެންވެސް ޓީމަށް ހެޔޮދުއާކޮށްދިނުން."

ޤައުމީ ޓީމުގެ އޮފިޝަލް އިމްރާން މުހައްމަދު ބުނީ އަބަދުވެސް ޤައުމީ ޓީމްގެ 12 ވަނަ ކުޅުންތެރިޔާ ޓީމަށް މުހިންމުކަމަށައި، ކޮންމެ ހާލަތެއްގައިވެސް 12ވަނަ ކުޅުންތެރިޔާގެ ޒިންމާ މި ވޭތުވެދިޔަ ތަނުގައި އަދާކޮށްދިންކަމަށެވެ. ކުރިއަށް އޮތް ދެ މެޗަށްވެސް ސަޕޯޓަރުންގެ ސަޕޯޓު ބޭނުންވާނެކަމަށާއި، ހުރިހާ އެންމެންވެސް މި މެޗުތަކުން ޓީމަށް ރަނގަޅު ނަތީޖާތަކެއް ލިބޭތޯ ދުއާކޮށްދިނުމަށް އޭނާވަނީ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.

"ކޮންމެ ހާލަތެއްގައިވެސް އަޅުގަނޑުމެންގެ 12ވަނަ ކުޅުންތެރިޔާ އަޅުގަނޑުމެންނާއިއެކު އޮވޭ. އެއްވެސް ޝައްކެއް ނެތް އެކަމުގައި. މިވަގުތު ޓީމަށް ހަމަ އެ ސަޕޯޓު ބޭނުންވޭ. އަޅުގަނޑަށް ޔަގީން ހުރިހާ އެންމެންވެސް ތިބީ ޤައުމީ ޓީމާއިއެކުކަން" އިމްރާން ބުންޏެވެ.

މިހާތަނަށް މި މުބާރާތުގެއެއްވަނައިގައި އޮތީ 7 މެޗުން 21 ޕޮއިންޓު ހޯދައިގެން ސީރިއާއެވެ. ސީރިއާ ވަނީ ރޭ ގުއާމް ބަލިކޮށް ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރުކޮށްފައެވެ. ދެވަނައިގައި ކުޅުނު 6 މެޗުން ލިބުނު 13 ޕޮއިންޓާއެކު އޮތީ ޗައިނާއެވެ. މި ގްރޫޕް ތިންވަނައިގައި 6 މެޗުން ހޯދި 7 ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު، ހަތަރު ވަނައިގައި 6 މެޗުން ލިބުނު 6 ޕޮއިންޓާއެކު އޮތީ ދިވެހިރާއްޖެއެވެ. އަދި އެއްވެސް ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ގުއާމެވެ.