ޚަބަރު

މިޝްކާގެ މަރުގެ ރިޕޯޓް ލަސްވަނީ ގިނަ ކަންތައްތަކެއް ބަލަންޖެހޭތީ - ހެލްތް


ފަރުވާ ދެވުން ލަސްވެގެން ނިޔާވި ފާތިމަތު މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ކުރަމުންގެންދާ ތަހުޤީގު ލަސްވަނީ ގިނަ ކަންތަތއްތަކެއް ބަލަންޖެހޭތީކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިޝްކާގެ މަރާ ގުޅޭ ތަހުޤީގާއި ގުޅިގެން ހެލްތް މިނިސްޓްރީން އިއްޔެ ވިދާޅުވީ އެ މައްސަލައިގެ ރިޕޯޓް އިއްޔެ މެންދުރުފަހު ހާމަކުރާނެކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިިއރުވެސް މި މައްސަލައިގެ ރިޕޯޓް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާދިނުން ލަސްވި މައްސަަލައިގެ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް ކުރަމުން އަންނަކަމަށެވެ. މި މައްސަލާގައި ގިނަ ކަންތައްތަކެއް ބަލަންޖެހޭތީ އެކަމަށް އިތުރު ވަގުތު ނަގާކަމަށްވެސް ހެލްތް މިނިސްޓްރީގެ ޓްވީޓްގައިވެއެވެ. އަދި މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް މި މަސައްކަތް ނިންމުމަށްކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

އަންގާރަދުވަހުގެ ރޭ އުމުރުން 10 އަހަރުގެ މިޝްކާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ވަރަށް ލަސްވި ފަހުންކަމަށް އެކުއްޖާގެ އައިލާއިން ވަނީ ބުނެފައެވެ. އެގޮތުން މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ އަންގާރަ ދުވަހުގެ ރޭ 9:00 ޖެހިއިރު ކަމަށާއި ނަމަވެސް އެމްބިއުލެންސް އައީ އޭގެ 2 ގަޑިއިރެއްހާއިރު ފަހުންކަމަށް އާއިލާއިން ބުނެއެވެ. އަދި އެމްބިއުލާންސް ލަސްވުމުން އެޗް.ޕީ.އޭގެ އިތުރުން އައި.ޖީ.އެމް.އެޗްގެ އެމްބިއުލެންސަށްވެސް ގުޅިކަމަށް މިޝްކާގެ އާއިލާއިން ބުނެއެވެ. އެޗްޕީއޭ ބުނީ މިޝްކާ ނިޔާވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ ކޯވިޑަށް ޕޮޒިޓިވްވުމުން އާއިލާއެކު ކަރަންޓީނުގައި ހުރި މިޝްކާ ހާލަތު ގޯސްވެ ފަރުވާދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެންދިޔަކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން އެ ކުއްޖާގެ ހާލު ސީރިއަސްވެ، އެ ކުއްޖާ ނިޔާވި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށެވެ. މި މައްސަލައިގެ ތަހުޤީގު ނިންމާ އެކަމުގައި އިހްމާލުވި ބަޔަކު ހޯދާ ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ. އަދި އެކަމުގެ ރިޕޯޓްތައް ބަލާ އެމަނިކުފާނުގެ އިހުމާލެއް އޮތްތޯވެސް ބައްލަވާނެކަމަށް ނަސީމް ވިދާޅުވިއެވެ.

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ ގްރޭޑް 7ގައި ތައުލީމް ހާސިލްކުރަމުންދިޔަ ހުނަރުވެރި ދަރިވަރު ފާތިމަތު މިޝްކާ މުހައްމަދަކީ މިބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ ކުޑަކުއްޖާއެވެ.

2018 ވަނަ އަހަރު ޢިމާދުއްދީން ސްކޫލާއި ގުޅުނު މިޝްކާއަކީ ކިޔެވުމުގެ އިތުރުން ސްކޫލުގައި ބާއްވާ ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވެ އެކި ވަނަ ހޯދާ ހުނަރުވެރި ދަރިވަރެކެވެ. ޚާއްސަ ދުވަސްތައް ފާހަގަކުރުމަށް ސްކޫލުގައިތަކުގައި މަދަހައާއި ޅެން ހުށައެޅުމުގެ އިތުރުން، ގުރުޢާން މުބާރާތާއި މަދަޙަ މުބާރާތުންވެސް މިޝްކާ ވަނީ ފަޚުރުވެރި ވަނަތަކެއް ޙާސިލްކޮށްފައެވެ. އެގޮތުން އެންމެ ފަހުން ޢިމާދުއްދީން ސްކޫލްގައި އޮންލައިންކޮށް ބޭއްވި، "ސްޓޯރީ ޓެލިން" އަދި "ކްރިއޭޓިވް ރައިޓިންގ" އިންވެސް އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި މިޝްކާ ވަނީ ހިމެނިފައެވެ.