ޚަބަރު

އިސްރާއީލުގެ ބޮޑުވަޒީރުގެ މަޤާމަށް ވަޑައިގަންނަވާ ނަފްތާލީ ބެނެޓަކީ ކާކު؟


ޙައްދުފަހަނައަޅާފައިވާ ޔަހޫދީ ދަޢުލަތުގެ ބޮޑުވަޒީރުގެ މަޤާމަށް ވަޑައިގަންނަވައި ނަފްތާލީ ބެނެޓު އުފަންވެވަޑައިގަތީ 1972ވަނަ އަހަރުގެ މާރިޗު މަހުގެ 25ވަނަ ދުވަހު އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ޙައިފާއަށެވެ. އޭނާއަކީ 1967ވަނަ އަހަރު އިސްރާއީލަށް ހިޖުރަކުރި އެމެރިކާގެ ޔަހޫދީ ދެމަފިރިއަކަށް ލިބުނު ތިން ފިރިހެން ދަރިންގެ ތެރެއިން އެންމެ ހަގު ދަރިއެވެ. އުމުރުން 18 އަހަރުގައި ބެނެޓުވަނީ އިސްރާއީލުގެ އަސްކަރިއްޔާގައި ޚިދުމަތްކުރައްވައިފައެވެ. އެއަށްފަހު އޭނާވަނީ އިސްރާއީލުގެ ހިބްރޫ ސްކޫލް އޮފް ޖޭރޫސަލަމުން ޤާނޫނީ ދާއިރާއިން ޑިގުރީއެއް ހާޞިލުކުރައްވައިފައެވެ. އެ ދުވަސްވަރު އޭނާވަނީ ޓެކްނޮލޮޖީގެ ދާއިރާގައިވެސް މަސައްކަތްކުރައްވައިފައެވެ. އެގޮތުން އޭނާގެ އަމިއްލަ ސޮފްޓުވެޔަރ އުފައްދައި ކުންފުންނިންވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

2005ވަނަ އަހަރުގެ ތެރޭގައި ސިޔާސީ ދާއިރާއަށް ބެނެޓު ނުކުމެވަޑައިގަތީ އޭނާގެ ކާމިޔާބު ކުންފުނި 145 މިލިޔަން ޑޮލަރަށް އެމެރިކާގެ ކުންފުންޏަކަށް ވިއްކަވާލެއްވުމަށްފަހުއެވެ. ޖެހިގެން އައި އަހަރު އޭނާވަނީ އޭރު އިދިކޮޅު ސިޔާސީވެރިޔާގެ ގޮތުގައި ޙަރަކާތްތެރިވަޑައިގަތް އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ޗީފް އޮފް ސްޓާފުގެ މަޤާމާ ޙަވާލުވެވަޑައިގެންފައެވެ. ބެނެޓަކީ ނަތަންޔާހޫއާ ވަރަށް އެއްގޮތް ސިޔާސަތުތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ. ނަމަވެސް 2006ވަނަ އަހަރުން 2008ވަނަ އަހަރާ ދެމެދު ނަތަންޔާހޫގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށްފަހު ދެ ބޭފުޅުންގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ބެނެޓުވަނީ ނަތަންޔާހޫއާ ވަކިވެވަޑައިގެންފައެވެ.

ސިޔާސީ ދާއިރާގައި ބެނެޓު މަޝްހޫރުކަން ހޯއްދަވާފައިވަނީ ނެތި ދިޔުމުގެ ބިރު ހީވެފައިވާ ކަނާތު ފިޔައިގެ ސިޔާސީ ޕާޓީއެއްކަމަށްވާ ޖުވިޝް ހޯމް ޕާޓީއާ ޙަވާލުވެވަޑައިގަންނަވައި އެ ޕާޓީއަށް ކުރިއެރުންތަކެއް ހޯއްދަވައިދެއްވުމުންނެވެ. އޭގެ ފަހުން އޭނާވަނީ ޕާޓީ މެދުވެރިވެ ނަތަންޔާހޫގެ އެކި ސަރުކާރުތަކާ ގުޅިވަޑައިގަންނަވައި މުހިންމު މަޤާމުތަކެއް ފުރުއްވައިފައެވެ. އެގޮތުން އޭނާވަނީ 2013ވަނަ އަހަރުން 2015ވަނަ އަހަރަށް އިސްރާއީލުގެ އިޤްތިޞާދީ ވަޒީރުގެ މަޤާމާއި ދީނީ ކަންތައްތަކާބެހޭ ވަޒީރުގެ މަޤާމުގެ އިތުރުން ތަޢުލީމާބެހޭ ވަޒީރުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އެންމެ ފަހުން އޭނާ ޚިދުމަތް ކުރައްވައިފައިވަނީ އިސްރާއީލުގެ ދިފާޢީ ވަޒީރުގެ ގޮތުގައެވެ. ނަތަންޔާހޫގެ ސަރުކާރުން އޭނާ ވަކިވެވަޑައިގަތީ 2020ވަނަ އަހަރުއެވެ.

ޖުވިޝް ހޯމް ޕާޓީއަށް ބެނެޓު ޒަމާނީ ބަދަލުތަކެއް ގެންނަވައި ޔަމީނާ ޕާޓީގެ ގޮތުގައި ތަޢާރަފުކުރެއްވީ 2018ވަނަ އަހަރުގެ ތެރޭގައެވެ. އެ ޕާޓީ އޭރު އޮތީ ނަތަންޔާހޫގެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައެވެ. ނަމަވެސް އެ އިއްތިޙާދުވަނީ ހަމަ އެ އަހަރު ރޫޅިފައެވެ. ނަތަންޔާހޫއާ ބެނެޓާ ދެމެދު އޮތް ނުތަނަވަންސްކަން ފާއިތުވި އަހަރުތަކުގައިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އުމުރުން 49 އަހަރުގެ ބެނެޓަކީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އަބަދުވެސް ވަކާލާތުކުރައްވައި ހަރުކަށި ބޭފުޅެކެވެ. އޭނާއަކީ އެ މައްސަލައާ ގުޅޭގޮތުން ޚިޔާލު ފައުޅުކުރައްވަން ޖެހިލުންވާ ބޭފުޅެއް ނޫނެވެ. ހައްޔަރުކުރާ ފަލަސްޠީނުގެ ރައްޔިތުންނަކީ ނިރުބަވެރިންކަމަށާއި އެ މީހުން ދޫކޮށްލުމުގެ ބަދަލުގައި މަރަންޖެހޭކަމަށް 2013ވަނަ އަހަރުގެ ތެރޭގައި އޭނާވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ބެނަޓަކީ ފަލަސްޠީނުގެ ދަޢުލަތެއް އޮންނަންޖެހޭކަމަށް ޤަބޫލުކުރައްވައި ބޭފުޅެއް ނޫނެވެ. އޭނާ ފާޅުގައި ވިދާޅުވެފައިވަނީ ފަލަސްޠީނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ޒަމާންވީ މައްސަލަތައް ޙައްލު ނުކުރެވޭނެކަމަށާއި އެ މައްސަލަތައް އަބަދުވެސް ދެމިއޮންނާނެކަމަށެވެ. ފަލަސްޠީނުން އަމިއްލަ ދަޢުލަތެއް އުފެއްދުމަށް ފުރުޞަތު ދިނުމަކީ އިސްރާއީލުގެ ޔަހޫދީ ދަޢުލަތުގެ ނިމުންކަމަށްވެސް އޭނާވަނީ ސިފަކުރައްވައިފައެވެ.