ޚަބަރު

ސީނޯފާމުގެ 1 ބިލިޔަން ޑޯޒު އެކި ޤައުމުތަކަށް ފޯރުކޮށްދެނީ


ކޯވިޑް-19އަށް ޗައިނާއިން އުފައްދާފައިވާ ސީނޯފާމު ވެކްސިނުގެ 1 ބިލިޔަނަށްވުރެ ގިނަ ޑޯޒު 2021ވަނަ އަހަރު ނިމުމުގެ ކުރިން ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވާކަމަށް އެ ވެކްސިން އުފައްދާ ކުންފުނިން ބުނެފިއެވެ.

ގުލޯބަލް ހެލްތު ފޯރަމް އޮފް ދަ ބޮޔޯ ފޯރަމު ފޮރ އޭޝިޔާގެ ޕެނަލެއްގައި ވާހަކަދައްކަވަމުން ޗައިނާ ނެޝަނަލް ފާމަސޫޓިކަލް ގުރޫޕު ނުވަތަ ސީނޯފާމުގެ ޗެއާމަން ލިޔު ޖިންޒެން ވިދާޅުވީ ޗައިނާއަށް ބޭނުންވާ ޢަދަދަށް ވެކްސިން ހުރިކަން ޔަޤީންވުމުން އެ ކުންފުނިން އުފައްދާ ވެކްސިންގެ 1 ބިލިޔަން ޑޯޒު އެހެން ޤައުމުތަކަށް ފޯރުކޮށްދޭނެކަމަށެވެ. އަހަރަކު 5 ބިލިޔަނަށްވުރެ ގިނަ ޑޯޒު އުފެއްދުމުގެ ޤާބިލުކަން އެ ކުންފުންޏަށް ލިބިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބުލިޔުއެޗުއޯއިންވަނީ ޗައިނާއިން އުފައްދާފައިވާ ސީނޯފާމު ވެކްސިނާއި ސީނޯވެކް ވެކްސިން ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ. އެއާއެކު ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް އެ ޖަމުޢިއްޔާއިން އިސްވެ އުފައްދާފައިވާ ކޮވެކްސް މަޝްރޫޢުގައި އެ 2 ވެކްސިން ބޭނުންކުރުމަށްވަނީ މަގުފަހިވެފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޗައިނާއިންވަނީ ކޮވެކްސް މަޝްރޫޢަށް އެ ޤައުމުން އުފައްދާފައިވާ ވެކްސިންގެ 10 މިލިޔަން ޑޯޒު ދޭނެކަމަށް ބުނެފައެވެ.