ޚަބަރު

ސީލައިފްގެ ވެރިޔާގެ ބަންދަށް އިތުރު 8 ދުވަސް


ފްލެޓް އަޅާއިދޭނެކަމަށް ބުނެ މަކަރާ ހީލަތުން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާގެ ބަންދަށް ކްރިމިނަލްކޯޓުން 8 ދުވަސް އިތުރުކޮށްދީފިއެވެ. އަޙްމަދު މޫސާ ފިލައިގެން ލަންކާގައި އުޅެނިކޮށް ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މީ އެނާ ހިޔާނާތްތެރެިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. މި މައްސަލަތައް އޭނާގެ މައްޗަށް ސާބިތިވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

އަޙްމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިިމިނަލްކޯޓަށް ހާޒިރުކުރުން ކޯޓުން ވަނީ އޭނާގެ ބަންދަށް 8 ދުވަސް އިތުރުކޮށްދީފައެވެ. ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. އެހެންނަމަވެސް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ މި މައްސަލަ ކޯޓަށް ހުށައެޅިފައިވާތީ އެންމެ ރަނގަޅު ގޮތަކީ ހުށައެޅިފައިވާ ހެއްކާ ގަރީނާތަކަށް ބެލުމަށްފަހު އެ މައްސަލަ ބައްލަވާ ގާޒީ ގޮތެއް ނިންމުންކަމަށެވެ.

ބަންދުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ސިއްހީ ފަރުވާ ނުލިބޭކަމުގެ ޝަކުވާ އަޙްމަދު މޫސާވަނީ އުފުލާފައެވެ. އޭނާގެ މި ޝަކުވާތަކާއި ގުޅިގެން އޭނާއަށް ސިއްހީ ފަރުާގެ އިންތިޒާމުތައް ހަމަޖައްސާދިނުމަށް ބަންދުގެ މަޖިލީޙުގައި އިންނެވި ގާޒީ ވަނީ ދައުލަތަށް އަންގަވާފައެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ މިއަހަރުގެ ފެބުރުއަރީ 21ވަނަ ދުވަހުގެ ރެއެވެ. އެނާ ހައްޔަރުކޮށްފައިވަނީ އޭނާ ހޯދުމަށް 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވަނިކޮށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ 2014 ވަނަ އަހަރު ހައުސިން ޑިވެލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފާއި ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަކޮށްފައި ނުވާކަމަށެވެ. އަދި މަކަރާއި ހީލަތުން އެތަށް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް އަހްމަދު މޫސާ ޚިޔާނާތްތެރިވެފައިވާކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މަކަރާ ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ އަތުލުމަށްފަހު، ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާ ފިލައިގެން ލަންކާގައި އުޅެނިކޮށް ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200އަށްވުރެ ގިނަ މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.