ޚަބަރު

ހިލޭ ވެކްސިން ދޭންކަމަށް ބުނެ ހުށައެޅީ ފޭކް ލިޔުންތަކެއް


ރަޝިޔާގެ ސްޕަޓްނިކް ވެކްސިން ގަތުމަށް ސަރުކާރުން މަސައްކަތް ކުރަނީ އެ ވެކްސިން ހިލޭ ހަދިޔާކުރުމަށް ކުންފުންޏަކުން ހުށައަޅާފައިވަނިކޮށް ކަމަށް ދެކެވޭ ވާހަކަތައް ހެލްތް މިނިސްޓަރ އަހްމަދު ނަސީމު ދޮގުކުރައްވައިފިއެވެ. ރަޝިޔާގެ ވެކްސިންގެ 500،00 ޑޯޒް ހިލޭ ދިނުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ހުށައަޅާފައިވާކަމަށް ބުނާ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ރަޝިއާގެ ސްޕަޓްނިކް ވެކްސިންގެ ފަސްލައްކަ ޑޯޒް ހަދިޔާކުރުމަށް ޑެލްޓަރ ޝިޕިން ނަމަކަށް ކިޔާ ކުންފުންޏަކުން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވާކަމަށެވެ. މިހާ ބޮޑު އަދަދެއްގެ ވެކްސިން ހަދިޔާކުރުމަށް ހުށައެޅި ލިޔެކިޔުންތައް ލިބުމުން ޝައްކު އުފެދޭ ކަންކަނ ފާހަގަކުރެވިގެން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެކަމުގެ ހަޤީގަތް ބެލިކަމަށް މިނިސްޓަރ ނަސީމު ވިދާޅުވިއެވެ. އަދި މިކަން ބެލި ބެލުމުން އެއީ ސައްހަ ނޫން ފޭކް ޑޮކިއުމެންޓްތަކެއް ކަން ރަޝިޔާ ސަރުކާރުން ހާމަކޮށްފައިވާކަމަށްވެސް ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

" ޢާއްމުގޮތެއްގައި މިކަން އޮންނަނީ ވެކްސިން އުފައްދާ ކުންފުނިން ވެކްސިން ވިއްކާނީ. ދެވަނަ މެދުވެރިއެއް ނޯވޭ. ދެން ކުންފުނި މެދުވެރިކޮށް ސަރުކާރާއި ސަރުކާރު ގުޅިގެން މިމަސައްކަތް ކުރަނީ. ބަޔަކު ފަސްލައްކަ ވެކްސިން ދޭން ބުނީމަ ޝައްކުކުރެވޭ ކަންކަން ހުރީމަ މިލިޔެ ކިޔުން ފޮނުވީ ފޮރިން މިނިސްޓްރީއަށް." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ ވެކްސިން ފޯރުކޮށްދިނުމަށް އަމިއްލަ ފަރާތްތަކަށް ސަރުކާރުން ހުޅުވާލާފައިވާކަމަށެވެ. އެހެންނަމަވެސް މިކަމުގައި އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު ޤައުމަށް ކޮށްދޭ ކަމެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭކަމަށާއި މިފަދަ ޚަބަރުތަކަކީ ހަމައެކަނި ސޯޝަލް މީޑިއާގައި ދައުރުކޮށްލާ ވާހަކަތަކަށް ނުހެއްދެވުމަށް މިނިސްޓަރ ނަސީމްވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ ވެކްސިންގެ 2 ލައްކަ ޑޯޒްގަތުމަށް ސަރުކާރުން ވަނީ އެ ކުންފުންޏާއިއެކު އެއްބަސްވުން އެކުލަވާލާ އެ މަސައްކަތް ފައްޓަވާފައެވެ. މި ވެކްސިން އަދި ރާއްޖެއަށް ލިބިފައި ނުވިނަމަވެސް ވީ އެންމެ އަވަހަކަށް ވެކްސިން ރާއްޖެއަށް ފޮނުވުމަށް މަސައްކަތް ކޮށްދެއްވާނެކަން ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯފް ވަނީ ވިދާޅުވެފައެވެ. ރަޝިޔާގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އޮތް ހަމައެކަނި ފަރުވާ ވެކްސިން ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ފާހަގަކުރައްވާފައެވެ. މި ގޮތުން ޤައުމުތަކާއި އޮތް ގުޅުމުގެ ތެރެއިންވެސް ވެކްސިން ލިބޭނެ އިންތިޒާމްތައް ހަމަޖެހޭތޯ ބައްލަވަމުން ގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިކަމުގައި ބައެއް ދަތިތައް އެބަހުރިކަމަށާއި އެހެންނަމަވެސް ހުއްޓާ ނުލާ ދިވެހި ސަރުކާރުން އެކަން ކުރައްވަމުން ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޯވިޑަށް ވެކްސިން ހޯދާ އާބާދީގެ 70 އިންސައްތައަށް މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ވެކްސިން ދިނުމަކީ ސަރުކާރުގެ އަމާޒެވެ. ރާއްޖޭގައި މިވަގުތު 4 ވެކްސިންޖެހުމުގެ ހުއްދަ އެމްއެފްޑީއޭއިންވަނީ ދެއްވާފައެވެ.
ރާއްޖޭގައި މިވަގުތު ޖަހަމުން އަންނަނީ އިންޑިއާގެ ކޯވިޝީލްޑް ވެކްސިންނާއި ޖަރމަނީގެ ފައިޒާގެ އިތުރުން ޗައިނާގެ ސިނޮފާމް ވެކްސިނެވެ.