ޚަބަރު

ސްރީ ލަންކާ ކައިރިން ރޯވެ އަނދަމުންދިޔަ އާގުބޯޓު ފެތިއްޖެ


ސްރީ ލަންކާ ކައިރިން ރޯވެ އަނދަމުންދިޔަ އާގުބޯޓު ފެތިއްޖެއެވެ.

އިންޑިޔާގެ ގުޖުރާތުން ސްރީ ލަންކާގެ ކޮލޮންބޯ ބަނދަރަށް ދަތުރުކުރި އާގުބޯޓުގައި ހުރީ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ކެމިކަލާއި ވިހަ މާއްދާތަކެކެވެ. އެ ބޯޓުގައި އެންމެ ފުރަތަމަ ރޯވީ މެއި މަހުގެ 20ވަނަ ދުވަހުއެވެ. ނަމަވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިންނާއި ޕޯޓްސް އޮތޯރިޓީއާއި މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީންވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. ނަމަވެސް އަނެއްކާ މެއި މަހުގެ 25ވަނަ ދުވަހު ކުރިއަށްވުރެ ބޮޑަށް ބޯޓުގައި ރޯވެ އަލިފާންގަނޑު ނިއްވާލުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ޖޫން މަހުގެ 2ވަނަ ދުވަހު އެ ބޯޓު ފެތެން ފެށުމުން ސްރީ ލަންކާގެ އައްސޭރިއާ ދުރަށް އެ ބޯޓު ގެންދިޔުމަށްވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ބޯޓުގެ ކޮޅުފަސްކޮޅު ކަނޑު އަޑީގައި ޖެހުމުން އެ މަސައްކަތްވަނީ ނާކާމިޔާނުވެފައެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯއާ 9.5 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަނިކޮށް އަލިފާން ރޯވި އެމްވީ އެކްސް-ޕުރެސް ޕަރލުގައި 1،486 ކޮންޓެއިނަރު ބަރުކޮށްފައި ހުއްޓެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓުރިކް އެސިޑާއި އެހެނިހެން ކެމިކަލާއި ޕުލާސްޓިކުގެ ބާވަތްތައް ހިމެނެއެވެ. އަލިފާނުގެ ހާދިޘާގެ ސަބަބުން އާގުބޯޓުގައި ހުރި ކޮންޓޭނަރުތައްވަނީ ކަނޑަށް ވެއްޓިފައެވެ. އަދި ކޮންޓެއިނަރުތަކުގައި ހުރި ޕުލާސްޓިކު ޕެލަޓުތަކާއި ވިހަ މާއްދާތައްވަނީ މަސްވެރިކަން ރަނގަޅު އަދި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ނެގަންބޯގެ ގޮނޑުދޮށަށް ލައްގަމުންނެވެ. އަތިރިމަތި ތަޣައްޔަރުވާން ފެށުމުން އެ ސަރަޙައްދުވަނީ ޢާންމުންނަށް ބަންދުކޮށްފައެވެ. ސްރީ ލަންކާގެ ކަނޑުގެ ސިފައިން އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

ބޯޓު އަޑިއަށް ދިޔުމުގެ ސަބަބުން މަސްވެރިކަން ރަނގަޅު ސްރީ ލަންކާގެ އައްސޭރިފަށުން ފެށިގެން 80 ކިލޯމީޓަރުގެ ސަރަޙައްދެއްގައި މަސްވެރިކަން ނުކުރުމަށްވަނީ އަންގައިފައެވެ. އޭގެ އަސަރު މަސްވެރިކަންކުރާ 5،600އަށްވުރެ ގިނަ އުޅަނދަށް ކުރާނެއެވެ.