ޚަބަރު

މެލޭޝިޔާގެ ވައިގެ ސަރަޙައްދަށް ޗައިނާގެ މަތިންދާބޯޓުތަކެއް ވަނުމުން މައްސަލަ ގޯސްވެއްޖެ


ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވި ޗައިނާގެ އަސްކަރީ 16 މަތިންދާބޯޓު މެލޭޝިޔާގެ ވައިގެ ސަރަޙައްދަށް ވަނުމުން ދެ ޤައުމުގެ ދެމެދުގައި މައްސަލަ ގޯސްވެއްޖެއެވެ.

ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު ޗައިނާއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު ބޮޑެތި ދެބަސްވުންތަކެއްވަނީ އުފެދިފައެވެ. ޗައިނާއިން ބުނާ ގޮތުގައި އެ ކަނޑުގެ 90 އިންސައްތަ ހިމެނެނީ އެ ޤައުމުގެ ސަރަހައްދުގެ ތެރޭގައެވެ. ޗައިނާގެ އިތުރުން ބުރުނާއީއާއި މެލޭޝިޔާއާއި ފިލިޕީންސާއި ތައިވާނާއި ވިއެޓުނާމުންވެސް އެ ކަނޑުގެ ސަރަޙައްދުތަކުގެ މިލްކުވެރިކަމަށް ދަޢުވާކުރެއެވެ. ފާއިތުވި ދުވަސްތަކުގައި ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ އިތުރުން އެމެރިކާއާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތަކުގެ މެދުގައި އޮންނަ ނުތަނަވަސްކަންވަނީ އިތުރުވެފައެވެ.

ރޯޔަލް މެލޭޝިޔަން އެޔަރ ފޯހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކުންވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެ އެ ޤައުމުގެ އިސްތިޤްލާލަށް ނުރައްކާކޮށްފައިވާކަމަށެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ޤައުމުގެ އިރުމަތީ ސަރަޙައްދުތައް ކައިރިން 27،000 ފޫޓު މަތިން 290 ނޮޓުގެ ބާރުމިނުމުގައި ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ދަތުރުކޮށްފައިވެއެވެ. އެ މަތިންދާބޯޓުތަކުގެ ޙަރަކާތްތައް ފާހަގަވެފައިވަނީ އެޔަރ ޓުރެފިކު ކޮންޓުރޯލުން އެ އުޅަނދުތަކަށް ދިން އިރުޝާދުތަކަށް ޢަމަލުނުކުރުމުންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މެލޭޝިޔާގެ ޚާރިޖީ ވަޒީރު ހިޝާމުއްދީން ޙުސައިން ވިދާޅުވީ އެ ހާދިޘާއާ ގުޅިގެން އެ ޤައުމުގައި ހުންނަ ޗައިނާގެ ސަފީރު ހާޒިރުކޮށް ސުވާލުކުރާނެކަމަށާއި މެލޭޝިޔާގެ ކަންބޮޑުވުންތައް ޙިއްޞާކުރާނެކަމަށެވެ. އޭނާ ވިދާޅުވީ އަވަށްޓެރި ޤައުމުތަކާއެކު ރަޙުމަތްތެރި ޚާރިޖީ ގުޅުންތަކެއް ބޭއްވި ނަމަވެސް ޤައުމީ ސަލާމަތް ޔަޤީންކުރާނެކަމަށެވެ. އެ ހާދިޘާއާ ގުޅިގެން މެލޭޝިޔާގައި ހުންނަ ޗައިނާގެ އެންބަސީން ބުނީ އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތައް ޢަމަލުކޮށްފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށްކަމަށާއި އެ އުޅަނދުތަކުން ދިޔައީ ތަމުރީނެއް ފުރިހަމަކުރަމުންކަމަށެވެ.