ޚަބަރު

ބިލުގައި ހުރި ކަންބޮޑުވުންތަކާމެދު މަޝްވަރާކުރުމަށް އަދާލަތު ޕާޓީން ނިންމައިފި


'ނަފްރަތުގެ ޢަމަލު’ ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި ބިލުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރާއެކު މަޝްވަރާކޮށް ޙައްލުހޯދުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.

އަދާލަތު ޕާޓީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އަދާލަތުގެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ 3 ވަަނަ ދައުރުގެ 3 ވަނަ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތައް ހާމަކޮށް އެޕާޓީން ނެރުނު ބަޔާނުގައި ބުނީ 'ނަފްރަތުގެ ޢަމަލު’ ހުއްޓުވުމަށް ސަރުކާރުން ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ ބިލުގައި ކަންބޮޑުވާ ބައެއް ކަންކަން އެބަހުރިކަމަށެވެ. މިގޮތުން މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސްއެޅުމާއި، އިޖުތިމާޢީ ޙާލަތު އިތުރަށް ގޯސްވެ ޞުލްޙަ މަސަލަސްކަން ގެއްލިދާނެ ބައެއް ކަންކަން އަދާލަތު ޕާޓީން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ޢަދާލަތު ޕާޓީގެ ކަންބޮޑުވުންތަކަށް ސަރުކާރާއި ކަމާގުޅުންހުރި އެހެން ފަރާތްތަކާއެކު މަޝްވަރާކޮށް ޙައްލުހޯދުމަށް ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ނިންމާފައެވެ. މީގެއިތުރުން 'ނަފްރަތުގެ ޢަމަލު’ ޤާނޫނެއްގައި ބަޔާންކުރާނަމަ، މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ މަޞްލަޙަތަށް ރިޢާޔަތްކުރުމަށާއި އަދި އެކަމަށްޓަކައި އދ ފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ބަލައިގެންފައިވާ ހަމަތަކާއި، ކަމާގުޅޭ ޢިލްމީ ދިރާސާތަކުގެ މައްޗަށް ރިޢާޔަތްކޮށް ދީމުޤްރާތީ މުޖުތަމަޢުތަކުގައި ގެންގުޅޭ ހަމަތަކަށް ފެތޭ ގޮތަށް އެކަން ކުރުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.

ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުން ޤާނޫނުލްއުގޫބާތަށް އިސްލާހެއް ވަނީ ހުށަހަޅުއްވާފައެވެ. މިއާއެކު އިސްލާމްދީނާމެދު މީސްތަކުން މެދުގައި ނަފްރަތު އުފެއްދުމާއި ދީނަށް ފުރައްސާކުރުމާއި ދީނާ ޚިލާފްވާހަކަ ދެއްކުމަކީވެސް ޖިނާއީ ކުށެއްގެގޮތުގައި ކަނޑައެޅުމަށްވެސް ޤާނޫނުލްއުޤޫބާތަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. މިއިސްލާޙުގެ ބޭނުމަކީ، ޤާނޫނުލްޢުޤޫބާތުގެ 611 ވަނަ މާއްދާގައި މިހާރުވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް" އިތުރަށް ތަފްޞީލުކޮށް، ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުންކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

ސަރުކާރުން ވިދާޅުވީ މިފަދަ އިސްލާހުތަކެއް ހުށަހެޅުމުގެ މަޤްސަދާކީ ޤައުމު ބިރުވެރިކަމަށްދާނެ ނުވަތަ ޤައުމުގެ ތެރޭގައި، ހަރުކަށި ފިކުރުގެ ސަބަބުން އަމަންއަމާންކަން ގެއްލޭ ވަރުގެ ކަންކަން ހިނގަން ޖާގަ ނުދިނުންކަމަށެވެ. އަދި ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސްގެންނާއި އެނޫން ގޮތްގޮތުންވެސް ގެންނަންޖެހޭ ބަދަލު ގެނެސްގެން އެ ކަންކަން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.