އެމްބިއުލާންސް އައުން ލަސްވެގެން މާލޭގައި ކުޑަ ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އެމްބިއުލާންސް އައުން ލަސްވެގެން، ފަރުވާ ލަސްވުމުގެ ސަބަބުން ރޭ ނިޔާވީ އުމުރުން 10 އަހަރު ފާތިމަތު މިޝްކާ ނަމަކަށް ކިޔާ ކުޑަ ކުއްޖެކެވެ. އަދި އެކުއްޖާގެ މަރަކީ ކޯވިޑް މަރެއްގެ ގޮތުގައި އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ އެމްބިއުލާންސް ލަސްވި މައްސަލައެއް ބަލަމުންދާކަމަށެވެ. އަދި އެކަމާއި ގުޅިގެން ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައިވާކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް އެމައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހެލްތު މިނިސްޓްރީން ދެއްވާފައެއް ނުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެދުވަސްކޮޅެއް ކުރިން މިޝްކާ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ރޭ ކުއްލިއަކަށް ހާލުބޮޑުވިކަމަށާއި ނިޔާވީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ. މިޝްކާގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ކުއްޖާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ވަރަށް ލަސްވި ފަހުންނެވެ.
My cousin brother’s one and only child is admitted in IGMH hospital. she is in very critical state with ventilator support. She was covid positive and quarantined at home with her parents. 11 year old was doing all fine till yesterday despite of having fever.
— Ahnaf Ibrahim (@AhnafIbrahim4) June 1, 2021
އެގޮތުން މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ ރޭ 9:00 ޖެހިއިރު ކަމަށާއި ނަމަވެސް އެމްބިއުލެންސް އައީ އޭގެ 2 ގަޑިއިރެއްހާއިރު ފަހުންކަމަށް އާއިލާއިން ބުނެއެވެ. އަދި އެމްބިއުލާންސް ލަސްވުމުން އެޗްޕީއޭގެ އިތުރުން އައިޖީއެމްއެޗްގެ އެމްބިއުލެންސަށް ވެސް ގުޅިކަމަށް މިޝްކާގެ އާއިލާއިން ބުނެއެވެ.
އެޗްޕީއޭ ބުނީ މިޝްކާ ނިޔާވީ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.
ރޭ ނިޔާވި ފާތިމަތު މިޝްކާއަކީ އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ ގްރޭޑް 7ގައި ތައުލީމް ހާސިލްކުރަމުންދިޔަ ހުނަރުވެރި ދަރިވަރެކެވެ.
2018ވަނަ އަހަރު ޢިމާދުއްދީން ސްކޫލާއި ގުޅުނު މިޝްކާއަކީ ކިޔެވުމުގެ އިތުރުން ސްކޫލުގައި ބާއްވާ ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވެ އެކި ވަނަ ހޯދާ ހުނަރުވެރި ދަރިވަރެކެވެ. ޚާއްސަ ދުވަސްތައް ފާހަގަކުރުމަށް ސްކޫލުގައިތަކުގައި މަދަހައާއި ޅެން ހުށައެޅުމުގެ އިތުރުން، ގުރުޢާން މުބާރާތާއި މަދަޙަ މުބާރާތުންވެސް މިޝްކާ ވަނީ ފަޚުރުވެރި ވަނަތަކެއް ޙާސިލްކޮށްފައެވެ. އެގޮތުން އެންމެ ފަހުން ޢިމާދުއްދީން ސްކޫލްގައި އޮންލައިންކޮށް ބޭއްވި، "ސްޓޯރީ ޓެލިން" އަދި "ކްރިއޭޓިވް ރައިޓިންގ" އިންވެސް އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި މިޝްކާ ވަނީ ހިމެނިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިޝްކާގެ ކުއްލި ވަކިވުމަކީ ޢިމާދުއްދީން ސްކޫލަށާއި، ތަޢުލީމީ ޢާއިލާއަށް ލިބުނު ނުހަނު ބޮޑު ހިތާމައެއްކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، މަރުޙޫމާގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށާއި މި ހިތާމައިގައި މަރުޙޫމާގެ ޢާއިލާއާ އެކުވެރީންނަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.