ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި 2 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ 2 މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ބަންދުކުރުމުގެ މުއްދަތެއް ދެއްވާފައިވާކަމަށެވެ.
މިދިޔަ މަހުގެ 29 ވަނަދުވަހުގެރޭ އުމުރުން 29 އަހަރުގެ ޒުވާނަކު ރަހީނުކުރީ މޫނު ނިވާކޮށްގެން ތިބި ބަޔަކެވެ. އެމީހުން އެ ޒުވާނާ ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ.
މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނަކާއި 25 އަހަރުގެ ޒުވާނެކެވެ. އަދި ރަހީނުކުރި ޒުވާނާ އަރުވައިގެން ގެންދިޔަކަމަށް ބެލެވޭ ކާރުވެސް ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެނެސްފައިވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މި ޒުވާނާއަށް ލިބުނު އަނިޔާތަކަށް ފުރަތަމަ ފަރުވާދީފައިވަނީ ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުންޑިއަށް ލޭ އަރާފައިވާކަމަށާއި އެނާގެ ހާލު ވަރަށް ސީރިއަސްކަމަށް އެ ހޮސްޕިޓަލުން އޭރު ވިދާޅުވިއެވެ. އިތުރު ފަރުވާއަށް މި ޒުވާނާ މާލެ ގެނައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މާލެ ގެނެސް ސީރިއަސް ސާޖަރީތަކެއް އޭޑީކޭގައި ހެދުމަށްފަހު އަދިވެސް މި ޒުވާނާ އޮތީ އެ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.
މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.