ޚަބަރު

އެކްސިޑެންޓުވުމުން ފިލި މީހާ ހައްޔަރުކޮށްފި


މިދިޔަ ބުދަ ދުވަހު ޒުވާނަކު މަރުވި އެކްސިޑެންޓުގައި ހިމެނޭ ސައިކަލް ދުއްވި މީހާ އެރެއިންފެށިގެން ފިލައިގެން އުޅެނިކޮށް ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ޢުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު 17:00، އެހައިކަންހާއިރު ކޯޓު ޢަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ގަލޮޅު ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔާއެއްގައި އެމަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ. މިއެކްސިޑެންޓްގައި ސައިކަލުގެ ފަހަތުގައި އިން ޒުވާނާގެ ކަރަށް ގާޑިޔާގެ މުއްގަނޑު ވަދެ، ލިބުނު ހާނިއްކަތަކުގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ. އެއީ ޢުމުން 22އަހަރުގެ ދިވެހި ޒުވާނެކެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. މިއެކްސިޑެންޓް ހިނގީ މާލޭގައި ކާފިއު އިޢުލާންކޮށްފައި ވާ ދުވަސްވަރެއްގައެވެ. މިދުވަސްވަރު އެއްވެސް ވަގުތަކު އެއްވެސް މީހަކަށް މިސަރަޙައްދުގައި ގެއިން ބޭރަަށް ނުކުމެވޭނީ ކަމާބެހޭ ފަރާތެއްގެ ޚާއްސަ ހުއްދައެއް އޮވެގެންނެވެ.

މިއެކްސިޑެންޓުގައި ހިމެނޭ ސައިކަލް ދުއްވި މީހުން ބޭރަށް ނުކުމެ އުޅުނީ ކޮން ބޭނުމަކު ކީއްކުރަންކަމެއް އަދި ސާފެއް ނުވެއެވެ.