ކުޅިވަރު

ފައިނަލް މެޗަށް ނެގީ އެންމެ މޮޅު ޓީމު: ގާޑިޔޯލާ


ޗެމްޕިއަންސް ލިގު ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވި ނަމަވެސް އޭނާ ފައިނަލުގައި ނެރުނީ އޭނާގެ އެންމެ މޮޅު ޓީމުކަމަށް އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ރޭ ފައިނަލު ބަދަލު ތަކަކާއެކު ނެރުނު ސިޓީގެ ޓީމަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ފައިނަލުގައި 1-0 ލަނޑުން ޗެލްސީ އަތުން ބަލިވިއިރު މެޗުގައި ސިޓީއަށް ޗެލްސީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. މެޗަށްފަހު ޓީމަށް ގެނައި ބަދަލު ދިފާއު ކުރަމުން ގާޑިޔޯލާ ބުނީ ޓީމު ނެގުމުގައި އޭނާއަށް ގޯސް ހެދުނު ކަމަކަށް ގަބޫލް ނުކުރާކަމަށާއި ރޭ ނެރުނީ މިހާތަނަށް ފައިނަލެއްގައި އޭނާ ނެރޭނެ އެންމެ މޮޅު ޓީމުކަމަށެވެ. އޭނާ ބުނީ ފައިނަލުން ބަލިވި ނަމަވެސް ކުޅުންތެރިން ގޯސްކުރުމުގެ ޖާގައެއް ނެތްކަމަށެވެ. މެޗުން ބަލިވި ނަމަވެސް ރޭގައި ސިޓީ ދެއްކީ ފާހަގަކޮށްލެވޭ ކުޅުމެއް ކަމަށް ގާޑިޔޯލާ ވަނީ ބުނެފައެވެ.

ރޭގެ މެޗުން ބަލިވުމާއެކު މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމަށް ސީޓީން ކުރަމުންދިޔަ އިންތިޒާރު ވަނީ ދިގުލައި ގޮސްފައެވެ. މިއީ މުބާރާތުގެ ތާރީހުގައި ސިޓީ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.