ޚަބަރު

ދުނިޔޭގައި އެންމެ ބޮޑަށް ކޯވިޑް-19 ފެތުރެނީ ދެކުނު އޭޝިޔާގައި


ދެކުނު އޭޝިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 30 މިލިޔަނަށްވުރެ އިތުރުވެއްޖެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 18 އިންސައްތަ މީހުންނަށް ބަލިޖެހިފައިވަނީ ދެކުނު އޭޝިޔާގެ ޤައުމުތަކުންނެވެ. އަދި ބަލީގައި މަރުވި މީހުންގެ ތެރެއިން 10 އިންސައްތަ މީހުން މަރުވެފައިވަނީ ދެކުނު އޭޝިޔާގެ ޤައުމުތަކުންނެވެ. ނަމަވެސް ރަސްމީ ޢަދަދުތަކަށްވުރެ ދެކުނު އޭޝިޔާގައި ބަލިޖެހުނު މީހުންނާއި މަރުވި މީހުންގެ އަސްލު ޢަދަދުތައް އެތައް ގުނައެއް އިތުރުވާނެކަމަށް މާހިރުން ބުނެއެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުން ދަނީ ބަލީގެ ނުރައްކާތެރި ދެވަނަ ރާޅަކާ ހަނގުރާމަކުރަމުންނެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާއަކީ އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ޤައުމެވެ. އަދި ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީވެސް އިންޑިޔާގައެވެ.

އިންޑިޔާއިންވަނީ އެ ޤައުމުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް-19ގެ ވެކްސިން ދިނުމަށް މި މަހުގެ ތެރޭގައި ހުޅުވައިލައިފައެވެ. އިންޑިޔާއަކީ އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދައި އެއް ޤައުމެވެ. ނަމަވެސް އެ ޤައުމުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކްސިން ފޯރުކޮށްދިނުމުގައި އެ ޤައުމަށްވަނީ ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ. އެ ޤައުމުގެ ރައްޔިތުންނަށް ވެކްސިން ޔަޤީންކުރުމުގެ ގޮތުން މިދިޔަ މާރިޗު މަހުގެ ތެރޭގައި އިންޑިޔާއިންވަނީ އެހެން ޤައުމުތަކަށް ވެކްސިން ބޭރުކުރުން މެދުކަނޑާލައިފައެވެ. އިންޑިޔާގައި ބޭނުންކުރަމުން ދިޔައީ އެސްޓުރަޒެނެކާ ކުންފުނީގެ ޚާއްޞަ ހުއްދައެއްގެ ދަށުން އެ ޤައުމުގެ ސީރަމު އިންސްޓިޓިއުޓުން އުފައްދައި ކޮވިޝީލްޑު ވެކްސިނާއި ބަރަތު ބަޔޯޓެކުން އުފައްދައި ކޯވެކްސިނެވެ. އަދި އެ ޤައުމުގައި ރަޝިޔާގެ ސްޕަޓުނިކް ވެކްސިން ބޭނުންކުރަން މިހާރުވަނީ ފަށައިފައެވެ.

އިންޑިޔާގެ ރައްޔިތުންނަށް ފުދޭ މިންވަރަށް ވެކްސިން ހޯދުމުގައި ސަރުކާރަށް ދަތިތަކަކާ ކުރިމަތިލާނެޖެހުމުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. 1.3 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި މިހާތަނަށް ވެކްސިން ދީފައިވަނީ އާބާދީގެ އެންމެ 3 އިންސައްތަ މީހުންނަށެވެ. އެ ޤައުމަކީ އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ 10 ޤައުމުގެ ތެރެއިން އެންމެ މަދުން ވެކްސިން ދީފައިވާ ޤައުމެވެ.

އިންޑިޔާއިން ވެކްސިން ބޭރުކުރުން ހުއްޓައިލުމުން ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކަށްވެސްވަނީ ވެކްސިން ހޯދުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ. ނޭޕާލާއި ބަންގްލަދޭޝްފަދަ ޤައުމުތަކުންވަނީ ޚާރިޖީ ގުޅުންތައް ބޭނުންކޮށްގެން އެ ޤައުމުތަކަށް ބޭނުންވާ ވެކްސިންގެ ޑޯޒުތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ފަށައިފައެވެ. އިންޑިޔާގެ އަވަށްޓެރި ޕާކިސްތާނުންވަނީ ޗައިނާއިން ހަދިޔާކުރި ވެކްސިނާއި އެ ޤައުމުން ގަނެފައިވާ ވެކްސިނާއި ކޮވެކްސް މަޝްރޫޢުގެ ދަށުން ލިބުނު ވެކްސިން ހިމެނޭގޮތަށް ޖުމުލަ 18 މިލިޔަން ޑޯޒު ހޯދައިފައެވެ. ދެކުނު އޭޝިޔާގެ ޤައުމުތަކުގައި މިހާތަނަށް ވެކްސިންގެ 220 މިލިޔަން ޑޯޒު ދީފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.