ޚަބަރު

އަވަސް އެހީގެ ގޮތުގައި ޣައްޒާއަށް 95 މިލިޔަން ޑޮލަރު ބޭނުންވޭ


ކުރިއަށްއޮތް ތިން މަސް ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް 95 މިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް އދން މަސައްކަތް ފަށައިފިއެވެ.

މެއި މަހުގެ 10ން 21އަށް އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުންވަނީ ޣައްޒާއަށް ވަރުގަދަ ޢުދުވާނީ ޙަމަލާތަކެއް ދީފައެވެ. އެގޮތުން މީހުންގެ ގެދޮރަށާއި ޞިއްޙީ މަރުކަޒުތަކަށާއި މަދަރުސާތަކަށާއި ވިޔަފާރިތަކަށާއި ކާރުޚާނާތަކަށް ޔަހޫދީންވަނީ ޙަމަލާތައް އަމާޒުކޮށްފައެވެ. އެ ޙަމަލާތަކުގައި ޣައްޒާގެ ޢުމުރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން 250އަށްވުރެ ގިނަ މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އަދި 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.

އދން ފަލަސްޠީނުގެ ސަރަޙައްދުތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތާ ޙަވާލުވެ ހުންނެވި ލީން ހޭސްޓިންގްސް ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް މިހާރުން މިހާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 95 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށެވެ. ޣައްޒާއަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ދިރާސާކުރާނީ އޭގެ ފަހުންކަމަށާއި ޣައްޒާ އަލުން އާރާސްތުކުރުމަށް ބޭނުންވާ ފައިސާގެ ޢަދަދު ކަނޑައަޅާނީ ޢާންމުންނަށް މިހާރުން މިހާރަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ޔަޤީންކުރުމަށްފަހުކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު އެންމެ ބޮޑަށް ބޭނުންޖެހިފައިވަނީ ކާބޯތަކެއްޗާއި ބޭހާއި ޞިއްޙީ ސާމާނަށާއި ބައެއް އިމާރާތްތައް މަރާމާތުކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް އދން 22.5 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދީފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރަސްމީ އިދާރާތަކުންވަނީ ޣައްޒާއަށް ލިބިފައިވާ ޢުމުރާނީ ގެއްލުންތައް މަރާމާތުކޮށް އާރާސްތުކުރުމަށް އެތައް މިލިޔަން ޑޮލަރެއް ބޭނުންވާނެކަމަށް ބުނެފައެވެ. ހޭސްޓިންގްސް ވިދާޅުވީ އިސްރާއީލުން ދިން ޢުދަވާނީ ޙަމަލާތަކުގައި 6 ހަސްފަތާލަކާއި 11 ޞިއްޙީ މަރުކަޒަކަށް ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އޭގެ އިތުރުން ޣައްޒާއަށް ކަރަންޓުގެ ޚިދުމަތް ލިބެނީ ދުވާލަކު 4 ގަޑިއިރާއި 6 ގަޑިއިރުގެ ވަގުތުކޮޅަކަށްކަމަށާއި ޣައްޒާގެ 800،000އަށްވުރެ ގިނަ މީހުންނަށް ސާފު ފެން ލިބުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށާއި 58 ތަޢުލީމީ މަރުކަޒަކަށް ގެއްލުންވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޢައްޒާއަކީ ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ސަރަޙައްދެކެވެ. 2 މިލިޔަން މީހުން ދިރިއުޅޭ ޢައްޒާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮށްޖެހިފައިވާ ސަރަޙައްދެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޒަރޫރީ ސާމާނު އެތެރެކުރެވެނީ އިސްރާއީލާއި މިޞްރުން ޙުއްދަދިނުމުން އެކަންޏެވެ. ހޭސްޓިންގްސް ވިދާޅުވީ ޣައްޒާއަށް ބޭނުންވާ ސާމާނު އުނދަގުލަކައި ނުލައި އެތެރެކުރެވޭނެކަން ޔަޤީންކުރުމަކީ ޣައްޒާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެހެން މުހިންމު ކަމެއްކަމަށެވެ.

ޣައްޒާއަށް ޙަމަލާދިނުމުގައި އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވި އެމެރިކާއިންވަނީ ޣައްޒާ އާރާސްތުކުރުމުގައި މުހިންމު ދަޢުރެއް އަދާކުރާނެކަމުގެ ޔަޤީންކަން ދީފައެވެ. އެގޮތުން ފަލަސްޠީނަށް އެހީގެ ގޮތުގައި އިތުރު 75 މިލިޔަން އެމެރިކާ ޑޮލަރު ދޭން ނިންމާފައިވާކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. އަދި މިހާރުން މިހާރަށް ޣައްޒާއަށް އެހީތެރިވުމަށް 5.5 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖެއްސުމަށާއި ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޤާއިމުކޮށްފައިވާ އދގެ އިދާރާއަށް 32 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އެމެރިކާއިންވަނީ ނިންމައިފައެވެ.

އޭގެ އިތުރުން އިނގިރޭސިވިލާތުންވަނީ ޣައްޒާއަށް އެހީތެރިވުމަށް 4.5 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރަން ނިންމައިފައެވެ. ޣައްޒާ އާރާސްތުކުރުމަށް މިޞްރުންވަނީ 500 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެކަމަށް ބުނެފައެވެ. ޤަޠަރުންވެސްވަނީ ހަމަ އެ ޢަދަދަށް ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. އަދި ވިލާތުގެ އިއްތިޙާދުން ފަލަސްޠީނަށް ފޯރުކޮށްދޭ އިންސާނީ އެހީތެރިކަންވެސްވަނީ އިތުރުކޮށްފައެވެ.