ޚަބަރު

ކޯވިޑް ޖެހިގެން މިއަދުގެ 3 ވަނަ މަރު!


ކޯވިޑް ބަލީގައި އިތުރު ދިއްވެއްސަކު ރާއްޖެއިން މިއަދު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 10:53 ހާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 69 އަހަރުގެ އަންހެނަކު ނިޔާވެފައިވާކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 154 ވަނަ މީހާއެވެ. އަދި މިއީ މިއަދު މަރުވި 3 ވަނަ މީހާއެވެ.

ކޯވިޑް ޖެހިގެން މިއަދު ނިޔާވި އަނެއް ދެ މީހުންނަކީ ރޭ 2:15 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނިޔާވި އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނަކާއި ފަތިހު 5:55ހާއިރު ނިޔާވި 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯވިޑް ޖެހިގެން ރާއްޖެއިން މިއަދު ނިޔާވި 3 މީހުންނާއެކު މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު ވަނީ 82 އަށް އަރާފައެވެ.

އަދި މިމަހުގެ މިހާތަނަށް 30،000 އަށްވުރެ ގިނަ މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޯވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއިން މިހާތަނަށް 154 މީހުން ނިޔާވެފައިވާއިރު، މިއަހަރުގެ މިހާތަނަށް 117 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ދަންނަވާފައެވެ.