ކުޅިވަރު

ރެއާލް، ބާސާ، ޔުވެންޓަސް ނުހިމަނާވެސް ޗެމްޕިއަންސް ލީގު ފޯރިގަދަވާނެ: ޓެބަސް


މިވަގުތު ރެއާލް މެޑްރިޑް އިސްވެ އޮވެ ހެދި ޔޫރަޕައިން ސުޕަލީގުގައި އޮތް ސްޕެއިންގެ ރެއާލް މެޑްރިޑާއި، ބާސެލޯނާގެ އިތުރުން އިޓަލީގެ ޔުވެންޓަސް ނުހިމަނާވެސް ޔޫއެފާ ޗެމްޕިއަންސް ލީގު ފޯރިގަދަ މުބާރާތެއްގެ ގޮތުގައި ކުރިޔަށްދާނެކަމަށް ލަލީގާގެ ރައީސް ހާވިޔާ ޓެބަސް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދަ މޭރުމަކުން ވާހަދައްކާފައި މިވަނީ ޔޫއެފާއިން މިވަގުތު މި ތިންކުލަބާ މެދު އަޅާނެ ފިޔަވަޅަކާ ދޭތެރޭ މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ލަލީގާގެ ކުލަބްތަކުގެ އެޑްވައިޒަރީ ފޯރަމްގައި ވާހަދައްކަމުން ޓެބަސް ވިދާޅުވީ މި ތިންކުލަބު ނުހިމަނާ ވެސް މުބާރާތް ބޭއްވުމަށް ޔޫއެފާއިން ތައްޔާރުވާން ޖެހޭކަމަށެވެ. މި ވާހަކަތަކަށް ބާރުދެމުން ޓެބަސް ވިދާޅުވީ ދުނިޔޭގެ މައްޝޫރު ކުލަބުތަކުން ތެރެއިން މެންޗެސްޓަ ޔުނައިޓުޑެ ނެތި ފަސްއަހަރު މުބާރާތް ކުރިޔަށްދިޔަ ކަމަށާއި ޔޫރަޕުގެ މުބާރާތްތަކުން ސަސްޕެންޑު ކުރަމުން ޔޫރަޕުގެ ގަދަ ބާރެއް ކަމަށްވާ އޭސީ މިލާން ނުހިމަނާވެސް ފޯރިގަދަ ސީޒަން ތަކެއް ކުރިޔަށްދިޔަކަމަށެވެ.

ޔޫއެފާއިން ޔޫރަޕިއަން ސުޕަލީގުގައި ބައިވެރިވާން ނިންމި ޓީމުތައް ޖޫރިމަނާ ކުރުމަށް މަޝްވަރާ ކުރި އިރު ލީގުގައި މިހާރު ދެމި އޮތް ތިން ޓީމާމެދު އަޅާނެ ފިޔަވަޅަކާ މެދު ވެސް ވަނީ މަޝްވަރާ ކޮށްފައެވެ. ޔޫރަޕުގެ ވަރުގަދަ ކުލަބުތަކުގައި ބައިވެރިވުމާ އެކު ޔޫއެފާއިން ގޮން ޖަހާލުމަށްފަހު ރެއާލް މެޑްރިޑް އިސްވެ އޮވެ އިއުލާން ކުރި ސުޕާލީގުން މިހާތަނަށް 9 ޓީމުން ވަނީ ތަފާތު އެކި ފިއްތުންތަކާ ހުރެ ވަކިވެފައެވެ.