ޚަބަރު

ކޯވިޑް-19 ދިފާޢު : އިތުރު 959 މީހުން ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ވަނަ ޑޯޒް އިތުރު 959 މީހަކު ފުރިހަމަކޮށްފިއެވެ. މިއާއެކު ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ އެއް ލައްކަ ފަސްދޮޅަސް ދެ ހާހަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހި 959 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ވެކްސިން ޖެހި 175 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 784 މީހުންނެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 162،413 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 496 މީހަކު ވަނީ ޖަހާފައެވެ. އޭގެ ތެރޭގައި މާލޭއިން ފުރަތަމަ ޑޯޒް ޖެހި 110 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 386 މީހަކު ހިމެނެއެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 308،423 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.