ޚަބަރު

ސަރަޙައްދީ އެހެން ޤައުމުތަކުގައި އެމެރިކާއިން މަރުކަޒުވިޔަ ނުދިނުމަށް ޠާލިބާނުން ގޮވާލައިފި


އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ފޭބުމުން އެ ސަރަޙައްދުގެ އެހެން އަވަށްޓެރި ޤައުމުތަކުގައި މަރުކަޒުވުމުގެ ފުރުޞަތު ނުދިނުމަށް ޠާލިބާނު ޖަމާޢަތުން ގޮވާލައިފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ޖެހެއެވެ. އެ އެއްބަސްވުމުގެ ދަށުން ފާއިތުވި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ނަމަވެސް 2،500އެއްހާ އެމެރިކާގެ ސިފައިން އަދިވެސް އަފްޣާނިސްތާނުގައި އެބަ ތިއްބެވެ. ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދަވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ އިޢުލާނުކުރައްވައިފައެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ފޭބުމުން އަވަށްޓެރި ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ ޙަރަކާތްތައް އިތުރުކުރާނެކަމަށް މާހިރުން ޤަބޫލުކުރެއެވެ.

ޠާލިބާން ޖަމާޢަތުން ބުނީ އަވަށްޓެރި ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ ޙަރަކާތްތައް އިތުރުކުރާނަމަ އޭގެ ސަބަބުން ކުރިމަތިވާ އެންމެހައި ނޭދެވޭ މައްސަލަތަކާއި ގޮންޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނީ އެކަމަށް ފުރުޞަތު ދޭން ނިންމި ފަރާތްތަކުންކަމަށެވެ.
އެމެރިކާއިންވަނީ އަފްޣާނިސްތާނާ ކައިރީގައި އޮންނަ ތަޖިކިސްތާނާއި އުޒްބަކިސްތާނުފަދަ ޤައުމުތަކުގައި އަސްކަރީ މަރުކަޒުތައް ޤާއިމުކުރުމަށް ވިސްނަމުންދާކަމަށް ބުނެފައެވެ. ނަމަވެސް އެފަދަ އެއްބަސްވުމަކާ ހަމައަށް މިހާތަނަށް އައިސްފައެއް ނުވެއެވެ.

ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނާއި އެމެރިކާއާ ދެމެދުވަނީ ގިނަ މަޝްވަރާތަކެއް ބާއްވައިފައެވެ. އެގޮތުން އެމެރިކާއާއި ޕާކިސްތާނުގެ ޤައުމީ ސަލާމަތާބެހޭ މުޝީރުންވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. ޕާކިސްތާނަކީ އަފްޣާނިސްތާނާއެކު ސަރަޙައްދީ ރޮނގެއް ޙިއްޞާކުރާ ޤައުމެކެވެ. ޕާކިސްތާނާއި އަފްޣާނިސްތާނުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގު އޮންނަ ސަރަޙައްދަކީ ޠާލިބާނުންގެ ނުފޫޒު ވަރަށް ބޮޑަށް އޮންނަ ސަރަޙައްދެކެވެ. ނަމަވެސް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިންވަނީ އެ ޤައުމުގެ އަސްކަރީ މަރުކަޒުތައް އެމެރިކާއިން ބޭނުންކުރުމުގެ ފުރުޞަތު ދޭނެކަމަށް ދެކެވޭ ވާހަކަތަކުގައި ބުރަދަނެއް ނެތްކަމަށް ބުނެފައެވެ.