ޚަބަރު

ޣައްޒާ އާރާސްތުކުރަން ޤަޠަރުން 500 މިލިޔަން ޑޮލަރު ދެނީ


އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުގައި ސުންނާފަތިވެފައިވާ ފަލަސްޠީނުގެ ޣައްޒާ އާރާސްތުކުރުމަށް ޤަޠަރުން 500 މިލިޔަން އެމެރިކާ ޑޮލަރު ދޭނެކަމަށް އެ ޤައުމުން ބުނެފިއެވެ.

މެއި މަހުގެ 10ން 21އަށް އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުންވަނީ ޣައްޒާއަށް ވަރުގަދަ ޢުދުވާނީ ޙަމަލާތަކެއް ދީފައެވެ. އެގޮތުން މީހުންގެ ގެދޮރަށާއި ޞިއްޙީ މަރުކަޒުތަކަށާއި މަދަރުސާތަކަށާއި ވިޔަފާރިތަކަށާއި ކާރުޚާނާތަކަށް ޔަހޫދީންވަނީ ޙަމަލާތައް އަމާޒުކޮށްފައެވެ. އެ ޙަމަލާތަކުގައި ޣައްޒާގެ ޢުމްރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން 250އަށްވުރެ ގިނަ މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އަދި 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.

ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚު މުޙައްމަދު ބިން ޢަބްދުއްރަޙަމާން އައްޘާނީ ވިދާޅުވީ ޣައްޒާއަށް އެހީތެރިވުމަށް 500 މިލިޔަން އެމެރިކާ ޑޮލަރު އެ ޤައުމުން ޚަރަދުކުރާނެކަމަށާއި ފަލަސްޠީނުގެ އަމިއްލަ ދަޢުލަތެއް ޤާއިމުކުރުމަށް އެ ޤައުމަށް ވާގިވެރިވުމުގައި ދެމިތިބޭނެކަމަށެވެ.

ޤަޠަރަކީ އިސްރާއީލާއި ޙަމާސާ ދެމެދު އޮންނަ މައްސަލަތަކުގައި ދެ ފަރާތުގެ ދެމެދުގައިވާ މެދުވެރިއެއްގެ ހައިޞިއްޔަތުން ވަރަށް ގިނައިން ޙަރަކާތްތެރިވާ ޤައުމެކެވެ. އެ ޤައުމުން މީގެ ކުރިންވެސްވަނީ އިންސާނީ އެހީތެރިކަމުގެ ގޮތުގައި ޣައްޒާއަށް އެތައް މިލިޔަން ޑޮލަރެއް ޚަރަދުކޮށްފައެވެ. މި ފަހަރު ޤަޠަރުން ދޭން ނިންމި އެހީތެރިކަމުގެ ދަށުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމަށާއި ގެއްލުން ލިބިފައިވާ ގެދޮރުތައް މަރާމާތުކުރުމަށާއި ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާތައް އަލުން ބިނާކުރުމަށްވަނީ ހަމަޖެހިފައެވެ.

ޣައްޒާއަށް ޙަމަލާދިނުމުގައި އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވި އެމެރިކާއިންވަނީ ޣައްޒާ އާރާސްތުކުރުމުގައި މުހިންމު ދަޢުރެއް އަދާކުރާނެކަމުގެ ޔަޤީންކަން ދީފައެވެ. އެގޮތުން ފަލަސްޠީނަށް އެހީގެ ގޮތުގައި އިތުރު 75 މިލިޔަން އެމެރިކާ ޑޮލަރު ދޭން ނިންމާފައިވާކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. އަދި މިހާރުން މިހާރަށް ޣައްޒާއަށް އެހީތެރިވުމަށް 5.5 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖެއްސުމަށާއި ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޤާއިމުކޮށްފައިވާ އދގެ އިދާރާއަށް 32 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އެމެރިކާއިންވަނީ ނިންމައިފައެވެ.

އޭގެ އިތުރުން އިނގިރޭސިވިލާތުންވަނީ ޣައްޒާއަށް އެހީތެރިވުމަށް 4.5 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރަން ނިންމައިފައެވެ. ޣައްޒާ އާރާސްތުކުރުމަށް މިޞްރުންވެސްވަނީ 500 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެކަމަށް ބުނެފައެވެ. އަދި ވިލާތުގެ އިއްތިޙާދުން ފަލަސްޠީނަށް ފޯރުކޮށްދޭ އިންސާނީ އެހީތެރިކަންވެސްވަނީ އިތުރުކޮށްފައެވެ.