ސިޔާސީ

ސުލްޙަވެރި ސިޔާސީ ހަރަކާތްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ޙަރަކާތްތައް ޤާނޫނީ އިމުގެ ތެރެއަށް ފެއްތުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަން އަދި ފުލުހުން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.ޕީ.އެސް.އެމް ޚަބަރަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ޤައުމުގެ މިހާރުގެ ޙާލަތައް ބަލައި ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ޙަރާކާތްތައް އެކޮމިޝަނުން ވަރަށް ގާތުން މޮނިޓަރ ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން ހިންގާ ޙަރަކާތްތައް ޤާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް ފުލުހުންނާ އެޗް.އާރ.ސީ.އެމުން، އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމައަށް ދެއްވުމަށް އެއްބަސްވެފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.ޤާނޫނީ އިމުގެ ތެރެއިން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ފުރުޞަތު ފަހިކޮށްދެއްވާނެކަމަށާއި، ފުލުހުންނާއި އެޗް.އާރ.ސީ.އެމުންވެސް މިކަމުގައި ޕާޓީތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވައެވެ.އެމް.ޑީ.ޕީން މިމަހުގެ 27 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ ގުޅޭގޮތުން އެޕާޓީގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށާއި، އަންނަ ހަފްތާގައި އެޕާޓީއާ ބައްދަލުކޮށް މުޒާހަރާއާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހަމަޖެހިފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ. މިބައްދަލުވުމުގެ ތެރެއިން އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސުލްހަވެރި ސިޔާސީ ޙަރަކާތް ހިންގުމަށް އެޕާޓީއަށް ދިމާވާ ދަތިތަކާ ގުޅޭ މަޢުލޫމާތު އެކޮމިޝަނުން އެއްކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނީ ބެލެނެވެރިޔާއެވެ. ޤާނޫނު ލާޒިމުކުރާ ގޮތުގެ މަތިން އެކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ކަންކަން ގާތުން ބަލައި، ސިޔާސީ ޕާޓީތަކުން ހިންގާކަންކަމުގައި އެއްބާރުލުންދީ، އަދި ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅު އަޅަމުންދާނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.