މިއަދުވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައަރާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މެޓް އޮފީހުން ވަނީ މިއަދުވެސް ރާއްޖޭގެ މޫސުން ގޯސްވާނެތީ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައެވެ. މިއަދު ހެނދުނު 10:00 އިން މެންދުރު 14:00 އަށް އެލާޓް ނެރެފައިވަނީ ހއ އަތޮޅާއި އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަރައްހަދުތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
އެހެން ސަރަހައްދުތަކަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއި އެކު ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. ވައި ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 18 މޭލާއި 28 މޭލާއޮ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި މިއަދު ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 8 ފޫޓާއި ދެމެދުގައިކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅނަގު މޫސުމުގެ ވިއްސާރައިގައި އިއްޔެވެސް ބައެއް ރަށްތަކަށް އުދަ އަރައި ވަނީ ފެން ބޮޑުވެފައެވެ. ވައިގަދަވުމުގެ ސަބަބުން ޅ.ނައިފަރުގެ މީހުން ދިރި އުޅޭ ގެއެއްގެ ފުރާޅުވަނީ އެއްލާލާފައެވެ. އަދި ހދ.ކުޅުދުއްފުށީގައިވެސް ގެއެއްގެ ފުރާޅުވަނީ އެއްލާލާފައެވެ.
މިމަހުގެ 25އިން ފެށިގެން މާލެއަތޮޅު ދިއްފުއްޓަށް އެކި ވަގުތުތަކުގައި އުދަ އަރައި ގެއްލުންވެފައިވެއެވެ. ބައެއް ގޭގެއަށް ލޮނުގެ އަސަރު ވަނީ ކޮށްފައެވެ. މިކަމުގެ ސަބަބުން ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ވެލި ބަސްތާ ޖެހުމާއި ފެން ހިއްކުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. އެންޑީއެމްއޭއިން ވަނީ އެރަށަށް ބޭނުންވާ ވެލިގޯނި ފޯރުކޮށްދިނުމާއި ފެން ހިންދުމަށް ބޭނުންވާ ޕަމްޕް ފޯރުކޮށްދީފައެވެ. މީގެ އިތުރުން ދ.މާއެނބޫދޫއަށްވެސް އުދައަރައި 10 ވަރަކަށް ގެއަށް ލޮނުގެ އަސަރު ކޮށްފައިވެއެވެ.
މ.އަތޮޅުގެ ވަރަށް ގިނަ ރަށްތަކަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ. މިގޮތުން އެ އަތޮޅު މަޑުއްވަރީއަށް ވަރަށް ބޮޑަށް ވަނީ އުދައަރާފައެވެ. އަދި އައްޑޫ ސިޓީ ހުޅުމީދޫއަށް އުދައަރައި އެރަށު ފަޔަރ ސްޓޭޝަނުން ރަށުތެރޭ ވެލިބަސްތާ ޖަހާއި ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.