ޚަބަރު

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 22 އަހަރުގެ ޒުވާނަކު މަރުވެއްޖެ


މާލޭގެ މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޢުމުރުން 22 އަހަރުގެ ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓް ހިނގީ ގަލޮޅު ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި އެމަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި މަރުވީ ގާޑިޔާގައި ޖެހުނު ސައިކަލުގެ ފަހަތުގައި އިން ޒުވާނާއެވެ. އޭނާ މަރުވީ އެކްސިޑެންޓުގައި ލިބުނު ޒަޚަމްތަކުގެ ސަބަބުންކަމަށް ފުލުހުން ވިދާޅުވެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ޒުވާނާ މަރުވީ އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

މިބޮޑު އެކްސިޑެންޓުގައި ހިމެނޭ ސައިކަލް ދުއްވި މީހާވަނީ އެޗްސިޑެންޓްވުމާއެކު އެސަރަހައްދުގައި މަޑުނުކޮށް ފިލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާކަމަށް ބެލެވޭއިރު، މިއެކްސިޑެންޓް މިހިނގީ މާލޭގައި ކާފިއު ޢިއުލާންކޮށްފައި އޮތް ވަގުތެއްގައެވެ. މިހާރު އެއްވެސް ވަގުތެއްގައި ޚާއްސަ ހުއްދައެއް ނެތި މާލޭގެ މަގުމައްޗަށް ނުނިކުމެވެއެވެ. ހިނގާފައިވެސް މަގުމަތީގައި އުޅެވޭނީ ކަމާބެހޭ ފަރާތެއްގެ ހުއްދައެއް އޮވެގެނެވެ. އެކްސިޑެންޓްވި ސައިކަލުގައި ދުއްވި ދެމީހުންނަކީ ކޮން ބޭނުމަކު ނުކުމެ އުޅުނު ބައެއްކަމެއް އަދި ސާފެއް ނުވެއެވެ.