ޚަބަރު

އެލްޖީއޭގެ މޭޔަރުންގެ ގޮނޑިއަށް މުއިއްޒާއި ރަފީގު


ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭގެ) ބޯޑުގެ މޭޔަރުންގެ ގޮނޑިއަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ކުރިމަތިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން ދެން އެލްޖީއޭގެ ބޯޑުގައި ހިމެނޭނީ ، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަދުވަހުއެވެ. މުއްދަތު ހަމަވިއިރު ބޯޑަށް އިންތިހާބުކުރާ ސިޓީ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގުއެވެ. މި މަޤާމަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބިގައި ވޯޓް ދޭނީ ސިޓީ ކައުންސިލްތަކުގެ މެމްބަރުންނެވެ.

މިދިޔަ މަހުގެ 10 ވަނަދުވަހު ބޭއްވި ކައުންސިލްތަކުގެ އިންތިޙާބުން މާލޭ ސިޓީކައުންސިލްގެ 12 ގޮނޑިއާއި އެކު ކައުންސިލްގެ މެޖޯރިޓީ ނަގާފައިވަނީ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުންނެވެ. އައްޑޫސިޓީގެ 13 ގޮނޑިން 7 ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ އެމްޑީޕީންނެވެ. ޕީޕީއެމް / ޕީއެންސީ ކޯލިޝަނަށް ލިބުނީ 3 ގޮނޑިއެވެ. ކުޅުދުށްފުށި ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ނަގާފައިވަނީ އެމްޑީޕީންނެވެ. 7 މެމްބަރުން ތިބޭ ފުވައްމުލަކު ސިޓީގެ މެޖޯރިޓީވެސް އޮތީ އެމްޑީޕީއަށެވެ.

އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލުން އިންތިޙާބުކުރާ މެމްބަރުކަމަށް 7 ކައުންސިލަރުން ވާދަކުރެއެވެ. އޭގެތެރޭގައި ހިމެނެނީ އެމްޑީޕީގެ 5 ކައުންސިލރަކާއި އިދިކޮޅު ޕީޕީއެމްގެ ކައުންސިލަރަކާއި އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ކައުންސިލަރެކެވެ. އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން ޕީޕީއެމަށް ނިސްބަތްވާ ކ. އަތޮޅުގެ ރައީސް އަހުމަދު ނިމާލު ވަނީ އިންތިޚާބަކާއި ނުލާ ހޮވިފައެވެ. މި މަޤާމަށް އެމްޑީޕީއަށް ނިސްބަތްވާ ނ. އަތޮޅުގެ ރައީސް މުހައްމަދު ބަޝީރުވެސް ނަން ހުށައެޅިއެވެ. އެހެންނަމަވެސް އޭނާ ފޯމު ހުށައަޅާފައިވަނީ އެކަމަށް ދިން ވަގުތު ހަމަވިފަހުންކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެނާގެ ފޯމު ބަލައިގެންފައެއް ނުވެެއެވެ. ގަނޑި ހަމަވުމުގެ ކުރިން ފޯމު ހުށައެޅިކަން ހާމަކޮށް އީސީގެ ނިންމުން ކޯޓުގައި އިސްތިއުނާފު ކުރާނެކަމަށް ބަޝީރު ވަނީ ވިދާޅުވެފައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެލް.ޖީ.އޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަމަހު 12 ވަނަދުވަހު ބޭއްވުމަށް ނިންމާ އެމަސައްކަތް ކުރަމުން އަންނަކަން އިލެކަޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.