ޚަބަރު

ކޯވިޑް-19 : މިއަދު 1،299 މީހުން ޕޮޒިޓިވް


ރާއްޖެއިން މިއަދު 1،299 މީހުން ކޯވިް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިވަގުތު ފަރުވާދެމުން އަންނަ މީހުންގެ ޢަދަދު މިވަނީ 24،869އަށް އަރާފަވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 1،299 މީހުންވަނީ ޕޮޒިޓިވްވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 890 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 334 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 48 މީހުންގެ އިތުރަށް ސަފާރީތަކުން ޕޮޒިޓިވްވި 10 މީހުންނާއި ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 59،644އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއް ދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 24،867 އަށް އަރާފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 285 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 462 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 34،621 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5،186 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 147 މީހުންވަނީ ނިޔާވެފައެވެ.