ޚަބަރު

އަންހެނަކު ގަދަކަމުން ދަމާފައި ގެންދިޔަ ދެ މީހުންނަށް ދައުވާކޮށްފި


މާލޭގެ މަގުމަތިން އަންހެން ކުއްޖަކު ހިފަހައްޓާ ގަދަކަމުން ރޭފްކުރަން އުޅުނު ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.

މާފަންނު އީދު މިސްކިތް ކައިރީ ހިނގި މިހާދިސާއާއި ގުޅިގެން ދައުވާކުރަނީ ހދ. ވައިކަރަދޫ މިލާފަރު، އަލީ ރަޝީދު (23) ހދ. ނޭކުރަންދޫ ވިނަރެސް އާދަމް ވިޝާން (18) ގެ މައްޗަށެވެ. މި ދެމީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވީ މިމަހުގެ 25 ވަަނަދުވައެވެ. މި ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑްތައް އޮންނަ ދެ މީހުންނެވެ.

މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހެއްޓުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދެމީހުންގެ މައްޗަށް ޝަރުުތުތައް ކަނޑައެޅުމަށްފަހު މި ދެމީހުން ބަންދުން ދޫކޮށްލީ މިމަހުގެ 19 ވަނަދުވަހުއެވެ.

މި ދެމީހުންގެ ވެގެން ގަދަކަމުން އަންހެން ކުއްޖަކު ހިފަހައްޓާ ދަމާފައި ގޯޅިއަށް ވައްދާ މަންޒަރު ފެންނަ ވީޑިއޯވެސް ވަނީ އާއްމުވެފައެވެ. އޭޕްރިލްމަހުގެ 16 ވަނަދުވަހުގެރޭ ހިނގި މިހާދިސާގައި ހިންގި ވަގުތު އެ ސަރަހައްދުގައި ގިނަ ބަޔަކު ތިބޭތަންވެސް ފެނެއެވެ. އެހެންނަމަވެސް އެއްވެސް މީހަކު އެކަމާއި ކަމެއް ކުރާތަނެއް ނުފެނެެއެވެ.