ޚަބަރު

އެމެރިކާގެ ޚާރިޖީ ވަޒީރު މިޞްރާއި އުރުދުންގެ އިސްވެރިންނާ ބައްދަލުކޮށްފި


އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން މިޞްރާއި އުރުދުންގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި އިސްރާއީލުގެ ޔަހޫދީ ދަޢުލަތާ ދެމެދު ޤާއިމުކޮށްފައިވާ ޙަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް މަޝްވަރާކުރުމަށް 2 ދުވަހުގެ ދަތުރުފުޅެއްގައި މެދުއިރުމައްޗަށް ބުލިންކެން ވަޑައިގެންފައިވަނީ މެއި މަހުގެ 25ވަނަ ދުވަހުއެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއެވެ. އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު ޤުދުސްގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ނަތަންޔާހޫވަނީ އެއްބަސްވުމާ ޚިލާފަށް ޙަމާސުން އެއްވެސް ކަމެއް ކޮށްފިނަމަ އެ ޖަމާޢަތާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދީފައެވެ.

އޭގެ ފަހުން ބުލިންކެންވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ރާމަﷲއަށް ވަޑައިގެން ހުޅަނގުގެ ޤައުމުތަކުން ފަލަސްޠީނުގެ ރައީސްގެ ގޮތުގައި ޤަބޫލުކުރާ މަޙްމޫދު ޢައްބާސާ ބައްދަލުކުރައްވައި އެހީގެ ގޮތުގައި އެމެރިކާއިން ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު 75 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައިކަން އިޢުލާންކުރައްވައިފައެވެ. އެއީ އެމެރިކާއިން އިސްރާއީލަށް އަހަރަކު ދެމުންދާ 3.8 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ ވަރަށް ކުޑަ މިންވަރެކެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މެދުއިރުމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގެ 2ވަނަ ދުވަހު އޭނާވަނީ މިޞްރުގެ ވެރިރަށް ޤާހިރާއަށް ވަޑައިގެން އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީއާ ބައްދަލުކުރައްވައިފައެވެ. އިސްރާއީލާއި ޙަމާސާ ދެމެދު ޙަމަލާބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މެދުވެރިއެއްގެ ދަޢުރު އަދާކޮށްފައިވަނީ މިޞްރުގެ ސަރުކާރުންނެވެ. އަދި އިސްރާއީލާއި ޙަމާސާ ގުޅުން އޮންނަ މަދު ޤައުމުތަކުގެ ތެރޭގައި މިޞްރު ހިމެނެއެވެ. ސިސީއާ ބައްދަލުކުރެއްވުމަށްފަހު ބުލިންކެން ވިދާޅުވީ މިޞްރަކީ މެދުއިރުމަތީގައި އެމެރިކާގެ އެންމެ މުހިންމު އެއް ބައިވެރިއެއްކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންފައިވަނީ އުރުދުންނަށެވެ. އެގޮތުން އުރުދުންގެ ވެރިރަށް ޢަންމާނުގައި އޭނާވަނީ އެ ޤައުމުގެ ރަސްގެފާނު ޢަބްދުﷲ ބިން ޙުސެއިންނާ ބައްދަލުކުރައްވައިފައެވެ. މެދުއިރުމަތީގައި އެމެރިކާއިން ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި އުރުދުންނަކީ އަބަދުވެސް އެމެރިކާގެ މުހިންމު ބައިވެރިއެކެވެ. އޭގެ އިތުރުން ފަލަސްޠީނުގެ އިރުމަތީ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާގެ ކަންކަން ބެލެހެއްޓުމާ ޙަވާލުވެފައިވަނީވެސް އުރުދުންގެ ސަރުކާރުންނެވެ.

މެއި މަހުގެ 10ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިސްރާއީލަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދޭން ޖެހުނު ސަބަބުތަކުގެ ތެރޭގައި ޝައިޚް ޖައްރާޙް ހިމެނޭހެން އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިމެނެއެވެ. އެގޮތުން އިރުމަތީ ޤުދުސުން ޔަހޫދީ ފައުޖުތައް ފަހަތަށް ޖެހުމަށް ޙަމާސުން ދިން މުޙްލަތުގައި އެކަން އެގޮތަށް ނުކުރުމުން 11 ދުވަސްވަންދެން ޙަމާސުން އިސްރާއީލުގެ އެކި ސަރަޙައްދުތަކަށް 4،000އަށްވުރެ ގިނަ ރޮކެޓު ޙަމަލާތައް ދީފައިވެއެވެ. އެ ޙަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބި، ޔަހޫދީންގެ 12 މީހުން މަރުވެ، 800 މީހުން ޒަޚަމުވެފައިވެއެވެ. ރައްދުގައި އިސްރާއީލުގެ ޢުދުވާނީ ޙަމަލާތައްވަނީ ޙަމާސުން ޙަރަކާތްތެރިވާ ޣައްޒާއަށް އަމާޒުކޮށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ 250 މީހުން މަރުވެ، 1،900 މީހުން ޒަޚަމުވިއެވެ. ޙަމަލާބަދަލުކުރުން ހުއްޓައިލުމަށް ޙަމާސުން އެއްބަސްވެފައިވަނީ އިރުމަތީ ޤުދުސްގައި ޔަހޫދީން އެއްވެސް ޖަރީމާއެއް ނުހިންގުމަށް ޝަރުތުކޮށްފައެވެ. ޙަމާސުން ބުނެފައިވަނީ ޤުދުސަށް އަތްގަދަކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ލޭއޮހޮރުވާނަމަ އަނެއްކާވެސް ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ތައްޔާރަށް ތިބިކަމަށެވެ.