ޔޫރަޕްގެ ބޮޑެތި ކްލަބްތަކެއް ބައިވެރިވެގެން އަލަށް ފެށުމަށް މަސައްކަތްކުރި ޔޫރަޕިއަން ސުޕަރ ލީގުގައި މިހާރު ވަކިނުވެ ތިބި ތިން ޓީމް ކަމަށްވާ ސްޕެއިންގެ އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި އަދި އިޓަލީވިލާތުގެ ޔުވެންޓަސްއާއި ދެކޮޅަށް ޑިސިޕްލިނަރީ ފިޔަވަޅު އެޅުމުގެ މަސައްކަތް ޔުއޭފާއިން ފަށައިފިއެވެ.
ޔުއޭފާއިން ހާމަކުރިގޮތުގައި އެޖަމިއްޔާއިން މިތިން ކްލަބާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިފެށީ ޔުއޭފާގެ ޤާނޫނީ އޮނިގަނޑާއި ވަރަށް ބޮޑަށް މިތިން ކްލަބުން ހިލާފުވެފައިވާތީއެވެ. އަދި މިކަމާބެހޭ އިތުރު ތަފްސީލް ފަހުން ހާމަކުރާނެކަމަށް ޔުއޭފާއިން ހާމަކުރެއެވެ. ބާރސާ އާއި ރެއާލް އަދި ޔޫވޭއިން ޔޫރަޕިއަން ސުޕަރ ލީގު ފެށުމަށް މަސައްކަތް ކުރީ އިތުރު 9 ކްލަބަކާއި އެކުއެވެ. ނަމަވެސް ސަޕޯޓަރުންނާއި ޤައުމުތަކުގެ ސަރުކާރުގެ ޕްރެޝަރާއެކު އެނުވަކްލަބުންވަނީ އީއެސްއެލްއިން ވަކިވެފައެވެ. ނަމަވެސް މިތިން ކްލަބުން އީއެސްއެލް އިން ވަކިވާން އަދި މިހާތަނަށްވަނީ ދެކޮޅު ހަދާފައެވެ. ޔުއޭފާއިން ވަނީ އަނެއް ނުވަކްލަބާއި ދެކޮޅަށްވެސް ފިޔަވަޅު އަޅާފައެވެ. އަދި އެކްލަބްތަކުން އީއެސްއެލްއިން ވަކިވެފައިވާތީ ދީފައިވަނީ ނިސްބަތުން ލުއި އަދަބެކެވެ. މިގޮތުން އާސެނަލް، ޗެލްސީ، ލިވަޕޫލް، މެންޗެސްޓަރ ޔުނައިޓެޑް، މެންޗެސްޓަރ ސިޓީ، ޓޮޓްނަމް ހޮޓްސްޕަރ، އޭސީ މިލާން، އިންޓަރ މިލާން އަދި އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާލާއިރު އެހުރިހާ ކްލަބެއް ގުޅިގެން 15 މިލިއަން ޔޫރޯ ހެޔޮނިޔަތުގައި ޔޫރަޕްގެ ގްރާސް ރޫޓް އަދި ކުޑަކުދިންގެ ފުޓްބޯޅައަށް އެހީވުމަށް ހަދިޔާ ކުރުމަށް އެއްބަސްވެފައެވެ. އަދި 2023-2024 ވަނަ އަހަރުގެ ސީޒަންގައި މިކްލަބްތަކަށް ޔުއޭފާގެ މުބާރާތްތަކުގައި ވާދަކޮށްގެން ލިބޭ އާންމްދަނީގެ ފަހެއް އިން ތައްސަ އުނިކުރުމަށް ޔުއޭފާއިން ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ތާނގައި ޔުއެފާއިން ޤަބޫލް ނުކުރާ މުބާރާތެއްގައި ބައިވެރި ވެއްޖެނަމަ 100 މިލިއަން ޔޫރޯއިން ކޮންމެ ކްލަބެއް ޖޫރިމަނާ ކުރުން ހިމެނެއެވެ.