ޚަބަރު

ސޫރިޔާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި


ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ސޫރިޔާގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. އެ އިންތިޚާބަކީ މީގެ 10 އަހަރު ކުރިން ސުރިޔާގައި ދާޚިލީ ހަނގުރާމައެއް ފެށުނުފަހުން ބާއްވައި ދެވަނަ އިންތިޚާބެވެ.

ރިޔާސީ 4ވަނަ ދަޢުރަކަށް ކުރިމަތިލައްވައި ބައްޝާރުލް އަސަދު އިންތިޚާބު ކާމިޔާބުކުރައްވާނެކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ސޫރިޔާގެ ވެރިކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ފާއިތުވި 10 އަހަރު ސޫރިޔާގައި ދިރިއުޅެފައިވުން ހިމެނުމުން އެކި ސަބަބުތަކާހުރެ ބޭރު ޤައުމުތަކުގައި ތިބި އިދިކޮޅު ގިނަ ސިޔާސީވެރިންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ލިބިފައެއް ނުވެއެވެ. ބައްޝާރާ ދެކޮޅަށް ވާދަކުރައްވަނީ ކުރީގެ ސްޓޭޓު މިނިސްޓަރެއްކަމަށްވާ ޢަބްދުﷲ ސައްލޫމު ޢަބްދުﷲއާއި މަޙްމޫދު މެހުރީއެވެ.

ތާވަލާ އެއްގޮތަށް މެއި މަހުގެ 26ވަނަ ދުވަހުގެ ހެނދުނު 7 ޖެހިއިރު ވޯޓުލުންވަނީ ފަށައިފައެވެ. އެ ޤައުމުގެ ސަރަޙައްދުތަކުގައި ވޯޓުލުމަށް 12،000އަށްވުރެ ގިނަ މަރުކަޒުވަނީ ޤާއިމުކޮށްފައެވެ. ސޫރިޔާގެ ދާޚިލީ ވުޒާރާއިން ބުނީ އެ ޤައުމުގެ 18 މިލިޔަނަށްވުރެ ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށެވެ. ނަމަވެސް ވޯޓުލައި މީހުންގެ އަސްލު ޢަދަދު އެއަށްވުރެ ދަށްވާނެކަމަށް ބެލެވެއެވެ. ވޯޓު ފޮށިތައް ބަންދުކުރާތާ 48 ގަޑިއިރުގެ ތެރޭގައި އިންތިޚާބުގެ ނަތީޖާ އިޢުލާނުކުރުމަށްވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން ސޫރިޔާގައި ރިޔާސީ އިންތިޚާބެއް ބާއްވާފައިވަނީ 2014ވަނަ އަހަރުއެވެ. އެ ފަހަރުގެ އިންތިޚާބު ބައްޝާރު ކާމިޔާބުކުރެއްވީ ވޯޓުގެ 92.20 އިންސައްތަ ހޯއްދަވައިގެންނެވެ.

ބޭރު ޤައުމުތަކުގައި ތިބި ސޫރިޔާގެ ރައްޔިތުންވަނީ އެ ޤައުމުތަކުގެ އެންބަސީތައް މެދުވެރިކޮށް މިދިޔަ ހަފުތާގެ ތެރޭގައި ވޯޓު ލައިފައެވެ. ނަމަވެސް ޤަވާއިދާ ޚިލާފަށް ސޫރިޔާއިން ގޮސްފައިވާ އެ ޤައުމުގެ އެތައް ހާސް ބަޔަކަށް ވޯޓުލުމުގެ ފުރުޞަތު ލިބިފައެއް ނުވެއެވެ. އެގޮތުން ވޯޓު ލެވެނީ ޤަވައިދާ އެއްގޮތަށް ސޫރިޔާއިން ގޮސްފައިވާކަމުގެ ހެކި ޕާސްޕޯޓުން ފެންނަން އޮންނަ މީހުންނަށެވެ.

ބައްޝާރުލް އަސަދާ ދެކޮޅު ގިނަ ޤައުމުތަކުގައި ސޫރިޔާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އެ ޤައުމުތަކުގައި ބޭއްވުމުގެ ޙުއްދަ ދީފައެއް ނުވެއެވެ. އޭގެ ތެރޭގައި ތުރުކީވިލާތާއި ޖަރުމަނުވިލާތް ހިމެނެއެވެ. އެ 2 ޤައުމުގައި ސޫރިޔާ ދޫކޮށް ގޮސްފައިވާ ޙިޖުރަވެރިންގެ ބޮޑު އާބާދީއެއް ދިރިއުޅެއެވެ.

ފާއިތުވި 50 އަހަރު ސޫރިޔާގައި ވެރިކަންކޮށްފައިވަނީ ބައްޝާރު ނިޞްބަތްވަޑައިގަންނަވާ ސޫރިޔާގެ ބާތު ޕާޓީންނެވެ. ސޫރިޔާގެ ރައީސްގެ މަޤާމަށް ބައްޝާރު ޢައްޔަނުކޮށްފައިވަނީ 1979ވަނަ އަހަރުން ފެށިގެން އެ ޤައުމުގައި ވެރިކަންކުރަމުންދިޔަ އޭނާގެ ބައްޕާފުޅު ޙާފިޒު އަލްއަސަދު އަވަހާރަވުމުން 2000ވަނަ އަހަރުގެ ތެރޭގައެވެ. ސޫރިޔާގެ އިދިކޮޅު ސިޔާސީވެރިންނާއި އެމެރިކާއިން ޤަބޫލުކުރާގޮތުގައި އިންތިޚާބު ބާއްވަނީ ބައްޝާރަށް އިތުރު ދަޢުރެއް ޔަޤީންކުރުމުގެ މަޤްޞަދުގައެވެ. ސޫރިޔާގެ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްކަމަކަށް އެމެރިކާއާއި ވިލާތުގެ އިއްތިޙާދުން ޤަބޫލެއް ނުކުރެއެވެ.