ޚަބަރު

ކޯވިޑް-19 : އައްޑޫ ސިޓީން މީހަކު ނިޔާވެއްޖެ


ކޯވިޑް ޖެހިގެން އައްޑޫ ސިޓީން މީހަކު ނިޔާވެއްޖެއެވެ.

އައްޑޫ ސިޓީން ނިޔާވީ ކޯވިޑަށް ފަރުވާދެމުންދިޔަ އުމުރުން 91 އަހަރުގެ ދިވެހި ފިފިހެނެކެވެ. އޭނާ ނިޔާވީ އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި، ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު 10:20 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ އައްޑޫ ސިޓީން ކޯވިޑް ޖެހިގެން ނިޔާވީ 2 ވަނަ މީހާއެވެ. އަދި ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 145 ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި މީހާތަނަށް 145 މީހުން ނިޔާވިއިރު، އޭގެތެރޭގައި ހިމެނެނީ 129 ދިވެހިންނާ 16 ބިދޭސީންނެވެ.

މި ހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19 ބަލީގައި ރެކޯޑް އަދަކަށް މީހުން ނިޔާވެފައިވާ މަހެކެވެ. މި މަސް ފެށުނުއިރު ކޯވިޑް 19ގައި ނިޔާވި މީހުންގެ އަދަދުހުރީ 62 ގައެވެ. އެއީ 54 ދިވެހިންނާ 8 ބިދޭސީންނެވެ. މިމަހުގެ މިހާތަނަށް މިބަލީގައި 82 މީހުން ވަނީ ނިޔާވެފައެވެ. އެއީ 75 ދިވެހިންނާ 8 ބިދޭސީންނެވެ.

ރާއްޖޭގަ މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ނިޔާވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ ކޯވިޑްގައި ނިޔާވެފައެވެ.

ރާއްޖޭގަ މިހާތަނަށް 57،000 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދު 24000 އަށްވުރެ މައްޗެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 282 އަށް އަރާފައެވެ.