ޚަބަރު

ސްރީ ލަންކާ ކައިރިން އާގުބޯޓެއްގައި ރޯވެއްޖެ


ސްރީ ލަންކާ ކައިރިން އަލިފާން ރޯވެފައިވާ އާގުބޯޓުގައި ތިބި ހުރިހާ ފަޅުވެރިން ސަލާމަތްކޮށްފިއެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯއާ 9.5 ނޯޓިކަލް މޭލު ބޭރުން ރޯވެފައިވާ އާގުބޯޓުގައި ޖުމުލަ 25 ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި އިންޑިޔާއާއި ޗައިނާއާއި ފިލިޕީންސާއި ރަޝިޔާގެ ފަޅުވެރިން ހިމެނެއެވެ. ބޯޓުގައި ތިބި އިންޑިޔާގެ 2 ފަޅުވެރިން ސަލާމަތްކުރުމުގައި ލިބުނު ބޮޑެތި ޒަޚަމުތަކުގެ ސަބަބުން އެ މީހުންނަށް ފަރުވާދިނުމަށް ކޮލޮންބޯ ނެޝަނަލް ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ.

އިންޑިޔާގެ ގުޖުރާތުން ސްރީ ލަންކާގެ ކޮލޮންބޯ ބަނދަރަށް ދަތުރުކުރި އާގުބޯޓުގައި ހުރީ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ކެމިކަލާއި ވިހަ މާއްދާތަކެކެވެ. އެ ބޯޓުގައި އެންމެ ފުރަތަމަ ރޯވީ މެއި މަހުގެ 20ވަނަ ދުވަހުއެވެ. ނަމަވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިންނާއި ޕޯޓްސް އޮތޯރިޓީއާއި މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީންވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. ނަމަވެސް އަނެއްކާ މެއި މަހުގެ 25ވަނަ ދުވަހު ކުރިއަށްވުރެ ބޮޑަށް ބޯޓުގައި ރޯވެ އަލިފާންގަނޑު ނިއްވާލުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.

ސިންގަޕޫރުގައި ދަފުތަރުކޮށްފައިވާ އާގުބޯޓުގައި ހުރި ބައެއް ކޮންޓޭނަރުތައްވަނީ ކަނޑަށް ވެއްޓިފައެވެ. އަދި އޭގެ ތެރޭގައި ހުރި ނުރައްކާތެރި ސާމާނު ސްރީ ލަންކާގެ ގޮނޑުދޮށްތަކަށް ލެއްގި ނަމަވެސް އެ ތަކެތި ނުނެގުމަށް މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީންވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މަސްވެރިން ރޯވެފައިވާ ބޯޓާ ކައިރިނުވުމަށްވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިންވަނީ އަންގައިފައެވެ.

އިންޑިޔާގެ އެހީތެރިކަމާއެކު ސްރީ ލަންކާގެ ކަނޑުގެ ސިފައިން އަދިވެސް ދަނީ ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތްކުރަމުންނެވެ.