ޚަބަރު

ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލައި އިސްރާއީލުގެ ޢަރަބިން ހައްޔަރުކުރަން ފަށައިފި


އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންދާ އެ ޤައުމުގެ ޢަރަބި ރައްޔިތުން ހައްޔަރުކުރަން ފަށައިފިއެވެ.

އިސްރާއީލުގެ އަނިޔާވެރި ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައާއި އިރުމަތީ ޤުދުސްގައާއި ޣައްޒާގައި ޔަހޫދީންނާ ދެކޮޅަށް ބޭއްވި ތަފާތު ޙަރަކާތްތަކަށް ތާއީދުކުރުމުގެ ގޮތުން އެކި ޢަމަލުތައް ހިންގާފައިވާ އިސްރާއީލުގެ ޢަރަބި ދަރިކޮޅަށް ނިޞްބަތްވާ އެތައް ސަތޭކަ މީހުން ހައްޔަރުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އޭގެ ތެރޭގައި އިސްރާއީލުގައި ދިރިއުޅޭ ޔަހޫދީންނަށް ޙަމަލާދިން މީހުންނާއި އިސްރާއީލުގެ ހިންގުމަށާއި އިޤްތިޞާދަށް ބުރޫއެރުވުމަށް ތަފާތު ހަޅުތާލުތަކުގައި ބައިވެރި މީހުންނާއި އިސްރާއީލުގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި މުޒާހަރާކުރި މީހުން ހިމެނޭކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

1948ވަނަ އަހަރު އިސްރާއީލުން އިސްތިޢުމާރުކުރި ފަލަސްޠީނުގެ ބިންތަކުގައި ގިނަ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން އަދިވެސް ދިރިއުޅެއެވެ. ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި އިސްރާއީލުގެ އާބާދީގެ 21 އިންސައްތައަކީ ޢަރަބިންނެވެ. އެގޮތުން އިސްރާއީލުގައި 2 މިލިޔަން ޢަރަބިން ދިރިއުޅެއެވެ. އަދި އިސްރާއީލުގެ ބައެއް ސަރަޙައްދުތަކުގައި ޔަހޫދީންގެ އާބާދީއަށްވުރެ ޢަރަބިންގެ އާބާދީ ބޮޑެވެ.

އިސްރާއީލުގެ ފުލުހުން ބުނާ ގޮތުގައި މެއި މަހުގެ 9ވަނަ ދުވަހުގެ ފަހުން އެ ޤައުމުގައި ދިރިއުޅޭ 1،550އަށްވުރެ ގިނަ ޢަރަބިންވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ޢަރަބިންނަށް ޙަމާލާ ދިނުމަށްފަހު ބޮޑެތި ޖަރީމާތައް ހިންގާފައިވާ ޙައްދުފަހަނައަޅާފައިވާ ޔަހޫދީން ހައްޔަރުކުރާނެކަމެއް އިސްރާއީލުގެ ފުލުހުން ބުނެފައެއް ނުވެއެވެ. މީގެ ކުރިން އެފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ޔަހޫދީންވަނީ ބޮޑެތި އަދަބުތަކުން ސަލާމަތްވެފައެވެ. ނަމަވެސް އިސްރާއީލުން ހައްޔަރުކުރާ ޢަރަބިން ގިނަ ފަހަރަށް އެއްވެސް ޝަރީޢަތަކާ ނުލައި ޖަލުތަކުގައި އެތައް އަހަރެއް ހޭދަކުރަން ޖެހެއެވެ. ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސާއި އިސްރާއީލުގައި ދިރިއުޅޭ ޢަރަބިންގެ ތެރެއިން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި 18 ނުފުރޭ އެތައް ސަތޭކަ ކުޑަކުދިންވެސް ހިމެނެއެވެ. އެ ކުދިންނާ ދެކޮޅަށްވެސް ބޮޑެތި ދަޢުވާތައް އުފުލައި ދިގު މުއްތަކަށް ޖަލަށް ލައެވެ. އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ޢަރަބިންނާއި އިސްރާއީލުގައި ދިރިއުޅޭ ޢަރަބިންނަށް ބޮޑެތި އަދަބުތައް ދިނުމަށް ޔަހޫދީން ބޭނުންކުރަނީ މީގެ ސަތޭކަ އަަހަރު ކުރިން އިނގިރޭސިވިލާތުގެ އަޅުވެތިކަމުގެ ދަށުގައި ޤަދީމީ ފަލަސްޠީން އޮތް ދުވަސްވަރު ތަންފީޒުކުރި ވަރަށް އަނިޔާވެރި ރަޙުމުކުޑަ ޤަވައިދުތަކެކެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ 10 އަހަރުގެ ކުޑަކުއްޖެއް ހައްޔަރުކުރަނީ / ވީޑިޔޯ: އަލްޝަބާބު ނިވްސް އެޖެންސީ

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ފަލަސްޠީނާއި އިސްރާއީލުގެ މައްސަލަ އިތުރަށް ގޯސްވެފައިވަނީ އިރުމަތީ ޤުދުސްގެ ޝައިޚް ޖައްރާޙުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ބައެއް ޢާއިލާތައް ގެދޮރުން ނެރުމަށްވެސް އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ސަރުކާރުން މަސައްކަތްކުރަން ފެށުމުންނެވެ. ޔަހޫދީން ނިންމާފައިވަނީ ޝައިޚް ޖައްރާޙުގައި ދިރިއުޅޭ ފަލަސްޠީނުގެ 12 ޢާއިލާއެއް ގެދޮރުން ނެރުމަށެވެ. އަދި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ ޝައިޚް ޖައްރާޙަށް އެއްވެސް މީހަކަށް ނުވަދެވޭނެ ގޮތަށް އެ ސަރަޙައްދު ބަންދުކޮށްފައެވެ. އެއާއެކު މިދިޔަ އޭޕްރިލް މަހުގެ 13ވަނަ ދުވަހުން ފެށިގެން ޝައިޚް ޖައްރާޙުގައި ދަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންނެވެ. ޝައިޚް ޖައްރާޙުގެ މައްސަލަ އިސްރާއީލުގެ ސުޕްރީމު ކޯޓަށް ހުށަހެޅުމުން މިހާރު އޮތީ ޙުކުމު ކުރުމުގެ މަރުޙަލާގައެވެ. ނަމަވެސް ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ލިބޭނެ ގޮތަކަށް ޔަހޫދީ ކޯޓަކުން ނިންމުމެއް ނިންމުން ވަރަށް ނާދިރެވެ.

ޝައިޚް ޖައްރާޙުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އިތުރުން ފާއިތުވި ހަފުތާތަކުގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެހެން ސަރަޙައްދުތަކުގައި އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށްވެސް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. އެ މުޒާހަރާތަކުގައި ފަލަސްޠީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ޔަހޫދީ ފައުޖުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ. އެގޮތުން ކުރިމަތިލުންތައް ހިނގަމުންދާ ސަރަޙައްދުތަކުގެ ތެރޭގައި އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ޤުދުސާއި ނާބުލުސާއި އަލްޚަލީލާއި ރާމަﷲ ހިމެނެއެވެ. އެ ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ރައްޔިތުން ދަނީ އިސްރާއީލުގެ އަނިޔާވެރި އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް ކޮންމެ ދުވަހަކުވެސް މުޒާހަރާކޮށް އަޑުއުފުލަމުންނެވެ. އެ މީހުންނާ ދެކޮޅަށްވެސް ޔަހޫދީ ފައުޖުތަކުން ދަނީ ރަބަރު އުނޑައާއި ކަރުނަ ގޭހާއި ސްޓަން ގުރެނޭޑު ބޭނުންކުރަމުންނެވެ. ރައްދުގައި ފަލަސްޠީނުގެ ރައްޔިތުން ދަނީ މަގުތައް ބަންދުކޮށް، ބަޑިބޭހާއި ގަލުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކާ ކުރިމަތިލަމުންނެވެ. އެ ކުރިމަތިލުންތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމުވުމުގެ އިތުރުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ 1،800އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

މެއި މަހުގެ 10ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިސްރާއީލަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދޭން ޖެހުނު ސަބަބުތަކުގެ ތެރޭގައި ޝައިޚް ޖައްރާޙް ހިމެނޭހެން އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިމެނެއެވެ. އެގޮތުން އިރުމަތީ ޤުދުސުން ޔަހޫދީ ފައުޖުތައް ފަހަތަށް ޖެހުމަށް ޙަމާސުން ދިން މުޙްލަތުގައި އެކަން އެގޮތަށް ނުކުރުމުން 11 ދުވަސްވަންދެން ޙަމާސުން އިސްރާއީލުގެ އެކި ސަރަޙައްދުތަކަށް 4،000އަށްވުރެ ގިނަ ރޮކެޓު ޙަމަލާތައް ދީފައިވެއެވެ. ރައްދުގައި އިސްރާއީލުގެ ޢުދުވާނީ ޙަމަލާތައްވަނީ ޙަމާސުން ޙަރަކާތްތެރިވާ ޣައްޒާއަށް އަމާޒުކޮށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޙަމަލާބަދަލުކުރުން ހުއްޓައިލުމަށް ޙަމާސުން އެއްބަސްވެފައިވަނީ އިރުމަތީ ޤުދުސްގައި ޔަހޫދީން އެއްވެސް ޖަރީމާއެއް ނުހިންގުމަށް ޝަރުތުކޮށްފައެވެ. ޙަމާސުން ބުނެފައިވަނީ ޤުދުސަށް އަތްގަދަކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ލޭއޮހޮރުވާނަމަ އަނެއްކާވެސް ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ތައްޔާރަށް ތިބިކަމަށެވެ.