ޚަބަރު

ފަލަސްޠީނުގެ މައްސަލަތަކުގެ އަސްލު ސަބަބުތަކަށް ޙައްލު ހޯދުމަށް ގޮވާލައިފި


އިސްރާއީލާއި ފަލަސްޠީނާ ދެމެދު އޮތް ޒަމާންވީ މައްސަލަތަކުގެ އަސްލު ސަބަބުތަކަށް ޙައްލު ހޯދަންޖެހޭކަމަށް އދގެ ފަލަސްޠީނާބެހޭ އިދާރާއިން ބުނެފިއެވެ.

ޔޫއެން ރިލީފް އެންޑު ވޯކް އެޖެންސީ ފޮރ ފަލަސްތީނިއަން ރެފިއުޖީސް، ޔޫއެންއާރުޑަބުލިޔުއޭގެ ކޮމިޝަނަރ ޖެނެރަލް ފިލީޕު ލައްޒަރީނީ ވިދާޅުވީ ފަލަސްޠީނަށް ކުރިމަތިވެފައިވާ ދަތިތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަމަށާއި އޭގެ ސަބަބަކީ މައްސަލައިގެ އަސްލާ ހަމައަށް ނުދެވޭތީކަމަށެވެ. އޭނާވަނީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރުކުރުމާއި ފަލަސަޠީނުގެ ރައްޔިތުން ގެދޮރު ފޭރުމާއި އެ މީހުން ކުރިމަތިލަމުންދާ އަނިޔާވެރިކަމުގެ އިތުރުން ޣައްޒާގެ ރައްޔިތުން ބަންދުކޮށްގެން ގެންގުޅޭ މައްސަލަތައް ޙައްލުކުރުމަށް ފިޔަވަޅުއެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ބާރުއަޅުއްވާނެކަމަށް ވަޢުދުވެވަޑައިގަންނަވައިފައެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ލާއިންސާނީ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ލައްޒަރީނީވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫއެންއާރުޑަބުލިޔުއޭއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ގޮވައިލައްވައިފައެވެ. އޭނާ ވިދާޅުވީ އެނާގެ މައިގަނޑު މަސައްކަތަކީ ޔޫއެންއާރުޑަބުލިޔުއޭ މެދުވެރިކޮށް ޣައްޒާގައި ބަންދުވެފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ހަމަޖެހުމެއް ގެނެސްދިނުމަށް މަސައްކަތްކުރުންކަމަށެވެ.