ޚަބަރު

މިޔަންމާގައި ބަޣާވަތްކުރިފަހުން ސޫ ކީ ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކޮށްފި


މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވަތްކޮށް، އެ ޤައުމުގެ އިސްވެރިޔާ އަން ސަން ސޫ ކީ ހައްޔަރުކުރިފަހުން ފުރަތަމަ ފަހަރަށް އެކަމަނާ ކޯޓަށް ހާޒިރުކޮށްފިއެވެ.

އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތް ކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިން ހައްޔަރު ކުރީ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރިއެވެ. މުޒާހަރާތަކުގައި ގިނަ ޢަދަދެއްގެ މީހުންވަނީ މަރުވެފައެވެ. މަރުވި 781 މީހުންގެ ތެރޭގައި 52 ކުޑަކުދިންވެސް ހިމެނެއެވެ. އަދި މުޒާހަރާތަކުން ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދު 3،800އަށްވުރެ އިތުރެވެ.

އުމުރުން 75 އަހަރުގެ ސޫ ކީ އާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ޤަނޫނާ ޚިލާފަށް ވޯކީޓޯކީއެއް ގެންގުޅުމުގެ ކުށާއި ދަޢުލަތުގެ ސިއްރުތަކަށް ޚިޔާނާތްތެރިވުން ހިމެނެއެވެ. އެ ދަޢުވާތައް ސާބިތުވެއްޖެނަމަ 14 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
މެއި މަހުގެ 24ވަނަ ދުވަހު ބޭއްވި ޝަރީޢަތުހެ މަޖިލީހުގައި ސޫ ކީގެ ޤާނޫނީ ވަފުދާ ބައި ގަޑިއިރަށް ބައްދަލުކުރެއްވުމުގެ ފުރުޞަތު އެކަމަނާއަށް ލިބިވަޑައިގެންނެވިއެވެ. ސޫ ކީގެ ޤާނޫނީ ވަފުދުން ބުނީ އެކަމަނާގެ ޙާލުކޮޅު ފެންނަ ފެނުމަށް ރަނގަޅުކަމަށެވެ. ބަންދުގައި ހުންނަ މުއްދަތުގައި އެއްވެސް ނޫހެއް ބެލުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާކަމަށާއި ޖަލުން ބޭރުގައި ހިނގާ ކަންކަމުގެ މަޢުލޫމާތެއް އެނގިނުލައްވައިކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.

މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ބޭއްވި މިޔަންމާގެ އިންތިޚާބު ސޫ ކީގެ އެންއެލްޑީ ޕާޓީން ކާމިޔާބުކޮށްފައިވަނީ މަކަރާއި ހީލަތުންކަމަށް ބުނެ މިޔަންމާގެ އަސްކަރިއްޔާއިން ޤާއިމުކޮށްފައިވާ އިންތިޚާބީ ކޮމިޝަނުންވަނީ އެންއެލްޑީ އުވާލާނެކަމަށް ބުނެފައެވެ. ނަމަވެސް ކުރީގެ އިންތިޚާބީ ކޮމިޝަނުންވަނީ އެ ތުޙްމަތުތައް ދޮގުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ސޫ ކީ ވިދާޅުވެފައިވަނީ ޢާންމުންގެ ތާޢީދު އޮންނަހާ ދުވަހަކު އެންއެލްޑީ ދެމިއޮންނާނެކަމަށެވެ.