ޚަބަރު

ތެލުގެ ވިޔަފާރިން ލިބުނު 150 ބިލިޔަން ޑޮލަރު ވަގަށް ބޭރުކޮށްފައިވޭ: ޢިރާޤު


ތެލުގެ ވިޔަފާރިން ލިބުނު 150 ބިލިޔަން އެމެރިކާ ޑޮލަރު ޤައުމުން ބޭރުކޮށްފައިވާކަމަށް ޢިރާޤުގެ ރައީސް ބަރުހަމު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޚިޔާނާތާ ދެކޮޅަށް މަސައްކަތްކުރުމަށާއި ދަޢުލަތުން ވަގަށް ނަގައިފައިވާ ފައިސާ އަނބުރާ ހޯދައި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް ޞާލިޙުވަނީ ޚާއްޞަ ބިލެއް ހުށަހަޅުއްވައިފައެވެ. ބިލު ތަޢާރަފުކުރައްވަމުން ޞާލިޙް ވިދާޅުވީ ޢިރާޤުގެ ކުރީގެ ރައީސް ސައްދާމު ޙުސައިންގެ ވެރިކަން 2003ވަނަ އަހަރުގެ ތެރޭގައި ވައްޓާލިފަހުން 150 ބިލިޔަން އެމެރިކާ ޑޮލަރު އެ ޤައުމުން ވަގަށް ބޭރުކޮށްފައިވާކަމަށެވެ.

ޤާނޫނުހަދާ މަޖިލީހަށް ދެއްވި ބަޔާނެއްގައި ޞާލިޙް ވިދާޅުވީ ޚިޔާނާތާ ދެކޮޅަށް މަސައްކަތްކުރުމަށް ޚާއްޞަ ބިލެއް ފާސްކުރުމަކީ ޤައުމުގައި ފެތުރިފައިވާ ޚިޔާނާތުގެ ބަލިމަޑުކަން ނައްތައިލުމަށް ކޮންމެހެން މުހިންމު ކަމެއްކަމަށެވެ. ތެލުގެ ވިޔަފާރިން ލިބުނު އެތައް ޓުރިލިޔަން ޑޮލަރެއްގެ ތެރެއިން ޤައުމުން ބޭރުކޮށްފައިވާ ގިނަ ޢަދަދެއްގެ ފައިސާ ހޯދުމަށް އެހެން ޤައުމުތަކުގެ ސަރުކާރުތަކާއި ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ޚިޔާނާތަކީ ޤައުމެއްގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ހުރަސް އަޅައިކަމެއްކަމަށާއި ރައްޔިތުންނަށް އެތައް ފުރުޞަތުތަކެއް އޭގެ ސަބަބުން ގެއްލި ކޮންމެހެން ލިބެންޖެހޭ ޚިދުމަތްތައް އެ މީހުންނަށް ނުލިބޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޢިރާޤުގެ ޤަނޫނުއަސާސީން ބޮޑެތި ބާރުތަކެއް ލިބިވަޑައިގެންފައިނުވައި ޞާލިޙް ވިދާޅުވީ އެތައް އަހަރެއްވަންދެން ޢިރާޤުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ނިރުބަވެރިކަމާއި ޚިޔާނާތުގެ މައްސަލަތަކާ ގުޅިލާމެހިފައިވާކަމަށެވެ.

ޢިރާޤުގެ ރައީސް ހުށަހަޅުއްވާފައިވާ ބިލު އަމާޒުކޮށްފައިވަނީ 2004ވަނަ އަހަރު އައު ސަރުކާރު އެކުލަވާލިފަހުން ސަރުކާރާއި ޢާންމު ކުންފުނިތަކުގައި ޑިރެކްޓަރު ޖެނެރަލުގެ މަޤާމުން ފެށިގެން މަތީ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނަށެވެ. އެގޮތުން 500،000 އެމެރިކާ ޑޮލަރަށްވުރެ މަތީގެ މުޢާމަލާތްތައް ބަލައި 1 މިލިޔަން ޑޮލަރަށްވުރެ ގިނައިން ފައިސާހުރި ބެންކު އެކައުންޓުތައް ތަޙްޤީޤުކުރާނެއެވެ. އަދި ޚިޔާނާތުގެ މުޢާމަލާތައް މެދުވެރިކޮށް ޤާއިމުކޮށްފައިވާ އެއްބަސްވުންތައް ބާޠިލުކުރާނެއެވެ. ނަމަވެސް ޤާނޫނުހަދާ މަޖިލީހުން އެ ބިލު ފާސްކުރާނެކަމަކަށް ނުބެލެވެއެވެ. ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި އެ މީހުން ނިޞްބަތްވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ޚިޔާނާތުގެ މައްސަލަތަކާ ބޮޑެތި ގުޅުންތަކެއް އޮންނާނެކަމަށް ބެލެވެއެވެ.