ޚަބަރު

އައިއޭއީއޭގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އީރާނުން މަޢުލޫމާތު ޙިއްޞާކުރުން ހުއްޓާލައިފި


އީރާނުގެ ނިޔުކްލިޔަރ މަރުކަޒުތައް ބަލައި ފާސްކުރުމަށް އދގެ ނިޔުކްލިޔަރ ހަކަތަޔާބެހޭ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ، އައިއޭއީއޭއިން ޤާއިމުކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެއެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވެފައިވާ ޖޮއިންޓު ކޮންޕުރިހެންސިވް ޕުލޭން އޮފް އެކްޝަންގެ ދަށުން އީރާނުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދާއި ޗައިނާއިން ބައިވެރިވެފައިވެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ. އީރާނުގެ ނިޔުކްލިޔަރ މަރުކަޒުތަކުގެ ކެމެރާތަކުން ފެންނަ މަންޒަރުތައް އައިއޭއީއޭއާ ޙިއްޞާކުރުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއްބަސްވުން ޤާއިމުކުރީ އައިއޭއީއޭއަށް އީރާނުން ދެމުންދިޔަ އެއްބާރުލުން ކުޑަވުމުގެ ސަބަބުންނެވެ.

އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފު ވިދާޅުވީ އީރާނުގެ ނިޔުކްލިޔަރ މަރުކަޒުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުން ނަގައި ފޮޓޯތައް ތިން މަސް ދުވަހުގެ މުއްދަތަށް އައިއޭއީއޭއާ ޙިއްޞާކުރުމަށް ވެފައިވާ އެއްބަސްވުން މެއި މަހުގެ 22ވަނަ ދުވަހު ނިމުމަކަށް އައިސްފައިވާކަމަށާއި އެއްވެސް މަޢުލޫމާތެއް އައިއޭއީއޭއާ ދެން ޙިއްޞާ ނުކުރާނެކަމަށެވެ. އެއާއެކު 2015ވަނަ އަހަރުގެ ނިޔުކްލިޔަރ އެއްބަސްވުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ ނުސީދާ މަޝްވަރާތަކަށް ކުރާނެ އަސަރަކާމެދުވަނީ އިތުރު ސުވާލުތައް އުފެދިފައެވެ.

އައިއޭއީއޭގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް މަރިޔާނޮ ގުރޮއްސީ ދަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އީރާނާއެކު މަޝްވަރާކުރަމުންނެވެ. ޝަރުތުތަކަކާއެކު އެއް މަސް ދުވަހުގެ މުއްދަތަކަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ. ވިލާތަށް ނިޞްބަތްވާ ޚާރިޖީ ފަރާތްތަކުން މިދިޔަ ހަފުތާގެ ތެރޭގައި ބުނީ އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށްފިނަމަ ނިޔުކްލިޔަރ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އެމެރިކާއާއި އީރާނުން ކުރަމުންދާ މަޝްވަރާތަކަށް އިތުރަށް ހުރަސްއެޅޭނެކަމަށެވެ.

އީރާނުގެ ރައީސް ޙަސަން ރޫޙާނީވަނީ ނިޔުކްލިޔަރ އެއްބަސްވުމާ ގުޅޭގޮތުން އޮސްޓުރިޔާގެ ވިޔެނާގައި ކުރަމުންދާ މަޝްވަރާތަކުގައި އީރާނުން ބައިވެރިވަމުންދާނެކަމަށް ވިދާޅުވެފައެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް އެމެރިކާއިން އެއްބަސްވެފައިވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ވިދާޅުވީ 2015ވަނަ އަހަރުގެ އެއްބަސްވުމާ އެއްގޮތަށް އީރާނުން ޢަމަލުކުރުމަށް ތައްޔާރުކަން ސާފުނުވާކަމަށެވެ.