ޚަބަރު

ދަތުރުކުރަމުންދިޔަ މަތިންދާބޯޓެއް ހުއްޓުވައި ބެލަރުސްގެ ސަރުކާރާ އިދިކޮޅު މީހެއް ހައްޔަރުކޮށްފި


ބެލަރުސްގެ ސަރުކާރާ އިދިކޮޅު މީހެއް ދަތުރުކުރަމުންދިޔަ މަތިންދާބޯޓެއް ހުއްޓުވައި އޭނާ ހައްޔަރުކޮށްފިއެވެ.

ބެލަރުސްގެ ސަރުކާރާ އިދިކޮޅު ވާހަކަތަކާއި މަޢުލޫމާތުތައް ޝާޢިރުކުރާ ބުލޮހަރެއްކަމަށްވާ ރޮމަން ޕުރޮޓަސެވިޗު ގުރީސުން ލިތުއޭނިޔާއަށް ދަތުރުކުރަމުންދިޔަ ރަޔަން އެއަރގެ މަތިންދާބޯޓު ބެލަރުސްގެ ވައިގެ ސަރަޙައްދަށް ވަނުމުން އޭގައި ބޮމެއް އޮތްކަމަށް ބުނެ ބެލަރުސްގެ މިންސްކުގެ ވައިގެ ބަނދަރަށް ޖެއްސުމަށްވަނީ މަޖުބޫރުކޮށްފައެވެ. އެ މަތިންދާބޯޓު މިންސްކުގެ ވައިގެ ބަނދަރަށް ޖައްސަންދެން ބެލަރުސްގެ ރައީސް އެލެކްސެންދަރު ލުކަޝެންކާގެ އަމުރުފުޅަށް އެ ޤައުމުގެ ހަނގުރާމަތީ އުޅަނދެއްވަނީ އެ މަތިންދާބޯޓާއެކު ދަތުރުކޮށްފައެވެ. އަދި މަތިންދާބޯޓު މިންސްކަށް ޖެއްސުމުން އުމުރުން 26 އަހަރުގެ ޕުރޮޓަސެވިޗުވަނީ ހައްޔަރުކޮށްފައެވެ. ހަތް ގަޑިއިރުވަންދެން މިންސްކުގެ ވައިގެ ބަނދަރުގައި އެ މަތިންދާބޯޓު ހިފަހައްޓައި ބަލައި ފާސްކުރި ނަމަވެސް އެ އުޅަނދުން ބޮމެއް ފެނިފައެއް ނުވެއެވެ.

ބެލަރުސްގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގައި މިދިޔަ އަހަރު ބޭއްވި ވަރުގަދަ މުޒާހަރާތައް އިންތިޒާމުކުރުމުގައި އެހީތެރިވި ޕުރޮޓަސެވިޗަކީ ހައްދުފަހަނައަޅާފައިވާ މީހެއްގެ ގޮތުގައި ބެލަރުސުން ކަނޑައެޅީ މިދިޔަ އަހަރުގެ ތެރޭގައެވެ. ބެލަރުސް ދޫކޮށް ޕޮލެންޑުގައި ދިރިއުޅެމުންދާ ޕުރޮޓަސެވިޗުގެ މައްޗަށް ދަޢުވާ އުފުލައިފިނަމަ 15 އަހަރުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.

ބައިނަލްއަޤްވާމީ ދަތުރެއް ކުރަމުންދިޔަ މަތިންދާބޯޓެއް ބެލަރުސްގެ ވައިގެ ބަނދަރެއްގައި ޖެއްސުމަށް މަޖުބޫރުކުރުވުމުން ބައިނަލްއަޤްވާމީ ދުނިޔެއިން ދަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ޕުރޮޓަސެވިޗު ދޫކޮށްލުމަށް ގޮވައިލަމުންނެވެ. އަދި ބެލަރުސާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އދގެ ސިވިލް އޭވިއޭޝަނާބެހޭ އިދާރާއިން އެ ހާދިޘާ ތަހުޤީޤުކުރުމަށް ދަނީ ގޮވައިލަމުންނެވެ.

އެމެރިކާއިން ބުނީ ބެލަރުސްގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި ޕުރޮޓަސެވިޗު ވަގުތުން ދޫކޮށްލުމަށް ގޮވާލައިކަމަށެވެ. ބެލަރުސްގެ ޢަމަލުތަކުގެ ސަބަބުން މަތިންދާބޯޓުގައި ދަތުރުކުރަމުންދިޔަ 120 ފަސިންޖަރުންގެ ފުރާނައަށް ނުރައްކާވިކަމަށް އެމެރިކާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ބޯޓު ދަތުރުކުރަމުންދިޔަ ލިތުއޭނިޔާއިންވެސްވަނީ ނޭޓޯއާއި ވިލާތުގެ އިއްތިޙާދުން އެ މައްސަލަ ބެލުމަށް ގޮވައިލައްވައިފައެވެ. ވިލާތުގެ އިއްތިޙާދުން ބުނީ ބެލަރުސާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށެވެ. ނޭޓޯއިންވެސް ބުނީ ރަޔަން އެޔަރގެ މަތިންދާބޯޓެއް ޖެއްސުމަށް މަޖުބޫރުކުރުމަކީ ނުރައްކާތެރި ހާދިޘާއެއްކަމަށާއި ބައިނަލްއަޤްވާމީ ތަހުޤީޤެއް ކުރަންޖެހޭކަމަށެވެ.