ޚަބަރު

ކޯވިޑް-19 : ރޭ ފަތިހުވެސް އިތުރު މަރެއް، މަރުވި މީހުންގެ އަަދަދު 131އަށް


ކޯވިޑް-19އިގައި ރޭ ފަތިހު އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. މިއާއެކު ރާއްޖެއިން މިމަހު މިހާތަނަށް 58 މީހަކުވަނީ ނިޔާވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެކެންސީ އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި ފަތިހު 4:25 ހާއިރު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔާ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީގެ އިތުރުން ރޭ ދަންވަރު 2:02ހާއިރުވެސްވަނީ އިތުރު ދިވެއްސަކުވަނީ ނިޔާވެފައެވެ. އުމުރުން 81 އަހަރު މިމީހާއަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ ދިވެހި ފިރިހެނެކެވެ.

ކޯވިޑް ބަލީގައި އިއްޔެވެސް 6 މީހަކުވަނީ ނިޔާވެފައެވެ. މިއެންމެންނަކީވެސް ދިވެހިންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް ބަލީގައި 131 މީހުންވަނީ ދުނިޔެ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 116 ދިވެހިންނާއި 15 ބިދޭސީންނެވެ.

ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ ރާއްޖެއިން މިހާތަނަށް 55،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ މީގެ ތެރެއިން 32،000އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި 23،000އަށްވުރެ ގިނަ މީހުން ތިބިއިރު މީގެ ތެރެއިން 290 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.