މުނިފޫހިފިލުވުން

އޮޕެރާއަށްވެސް ޅަ އުމުރުގައި ޖިންސީ ފުރައްސާރަ


މަޝްހޫރު "ދަ އޮޕެރާ ވިންފްރޭ ޝޯ" ހުށަހެޅުންތެރިޔާ އޮޕެރާއަށް އޭނާގެ އުމުރުން 11 ނުވަތަ 12 އަހަރުގައި ޖިންސީ ފުރައްސާރައާއި ކުރިމަތިލާން ޖެހުނު ކަމަށް އޮޕެރާ ބުނެފިއެވެ.

އެޕަލް ޓީވީން ދައްކާ މެންޓަލް ހެލްތު ޑޮކިއުމެންޓްރީ ސީރީޒް "ދަ މީ ޔޫ ކާންޓް ސީ" ގައި ވާހަކަ ދައްކަމުން އޮޕެރާ ބުނީ އޭނާގެ 19 އަހަރުގެ ދެބެންގެ ދެދަރި ބޭބެއަކު އޭނާ ރޭޕް ކުރަން މަސައްކަތް ކުރި ކަމަށާއި އޭރު އެއީ ކިހާވަރެއްގެ ކަމެއްކަން ނޭގޭކަމަށެވެ. ޝޯގައި ފެންކަޅިވެފައި އިނދެ 67 އަހަރުގެ އޮޕެރާ ބުނީ އެކަހަލަ ކަންކުރަން ހިތްވަރުދޭ ބައެއް ބަަސްބަހުގެ މާނަވެސް އޭރު އޭނާއަށް ނޭގޭ ކަމަށާއި އެ ޙާދިސާއިން އޭނާއަށް ބުނެދިނީ ފިރިހެނުން ގިނަ ތަނެއްގައި ޒުވާން އަންހެނަކަށް ރައްކާތެރިކަމެއް ނެތް ކަންކަމަށެވެ.

މިއީ އޮޕެރާ މިވާހަކަ ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އޮޕެރާގެ ޝޯގައި އޭނާ ބުނެފައިވާ ގޮތުގައި ޖިންސީ ފުރައްސާރައަށްވުރެ އަނދިރި އެހެން ސިއްރެއް ޙަޔާތުގައި ނޯންނާނެއެވެ. އޭގެ ފަހުން ނިއުޔޯކް ޓައިމްސްއަށް ދިން އިންޓަރވިއުއެއްގައިވެސް އޮޕެރާ ބުނެފައިވަނީ އެކަމާ އޭނާ ދެރަވާކަމާއި އަދި އެއީ އެއްވެސް މީހެއްގެ ކައިރީ އެވާހަކަ ބުނަން ޖެހިލުންވެފައި ހުރި ވާހަކައެއްކަމަށެވެ.

1954 ވަނަ އަހަރު އުފަންވެފައިވާ އޮޕެރާ އަކީ އެމެރިކާގެ ފަޤީރު ހިސާބެއްކަމަށްވާ މިސިސިޕީއަށް ނިސްބަތްވާ މީހެކެވެ. އޮޕެރާ ބޮޑަށް މަޝްހޫރު ވެފައިވަނީ އޭނާ ހުށަހަޅާދިން ޝޯ "ދަ އޮޕެރާ ވިންފްރޭ ޝޯ" އިންނެވެ. 25 އަހަރަށް ދިގުދެމިގެންދިޔަ މި ޝޯ އަކީ އެދުވަސްވަރު އެންމެ ގިނައިން މީހުން ބެލި ޝޯ އެވެ. 20ވަނަ ޤަރުނުގެ އެންމެ މުއްސަނދި އެފްރިކަން އެމެރިކަން އަދި އެމެރިކާގެ ކަޅުމީހުންގެ ނަސްލުން އެންމެ ފުރަތަމަ މަލްޓި ބިލިއަނަރަކީ އޮޕެރާއެވެ.

އެޕަލް ޓީވީން ދައްކާ މެންޓަލް ހެލްތު ޑޮކިއުމެންޓްރީ ސީރީޒް "ދަ މީ ޔޫ ކާންޓް ސީ" ރިލީޒް ކޮށްފައިވަނީ މި މަހުގެ 21 ގައެވެ. އޮޕެރާ އަދި ޕްރިންސް ހެރީ ހޯސްޓް ކުރާ މި ސީރީޒް އެކުލެވިގެންވަނީ 5 ޕާޓެއްގެ މައްޗަށެވެ.