ޚަބަރު

އިސްތިޢުމާރީ ފައުޖުތަކުގެ ނިވަލުގައި ޔަހޫދީން އަޤްޞާއަށް ވަދެގެންފި


ފަލަސްޠީނުގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުގެ ނިވަލުގައި ހަރުކަށި ފިކުރުގެ ޔަހޫދީންގެ ބަޔަކު މަސްޖިދުލް އަޤްޞާއަށް ވަދެގެންފިއެވެ.

މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތަށް ހަރުކަށި ފިކުރުގެ ޔަހޫދީންގެ ބަޔަކު ވަދެގަތުމުގެ ކުރިން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ އަޤްޞާގައި އަޅުކަންކުރަން ތިބި ގިނަ ޢަދަދެއްގެ މުސްލިމުންނަށް އަނިޔާވެރިކަމާއެކު ޙަމަލާ ދިނުމަށްފަހު އެ ސަރަޙައްދުން ފައްސާލައިފައެވެ. އޭގެ ފަހުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުގެ ނިވަލުގައި ހަރުކަށި ފިކުރުގެ ޔަހޫދީންގެ 50 މީހުންވަނީ އަޤްޞާއަށް ވަދެގެންފައެވެ. އެއީ މެއި މަހުގެ 4ވަނަ ދުވަހުގެ ފަހުން ޔަހޫދީން އެ ސަރަޙައްދަށް ވަދެގަތް ފުރަތަމަ ފަހަރެވެ.

އުރުދުންގެ ސަރުކާރުގެ ފަރާތުން އަޤްޞާ ބެލެހެއްޓުމާ ޙަވާލުވެފައިވާ އިސްލާމިކް ވަޤުފް ކައުންސިލުން ބުނީ އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންގެ ތެރެއިން 6 މީހުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހައްޔަރުކޮށްފައިވާކަމަށެވެ. އޭގެ އިތުރުން އިސްރާއީލުގެ ޔަހޫދީ ސިފައިން ދިން ޙަމަލާތަކުގައި ބައެއް މީހުންނަށް އަނިޔާވެފައިވާކަމަށްވެސް އިސްލާމިކް ވަޤުފް ކައުންސިލުން ބުނެފައިވެއެވެ. އޭގެ އިތުރުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ 45 އަހަރުން ދަށުގެ އެއްވެސް މުސްލިމަކަށް އަޤްޞާގައި އަޅުކަން ނުކުރެވޭނެކަމަށް އަންގައިފައެވެ. އަދި އަޤްޞާއަށް މުސްލިމުންނަށް ވަދެވޭނީ ކާކުކަން އަންގައިދޭ ކާޑެއް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކަށް ދިނުމަށްފަހުކަމަށް އަންގައިފައެވެ.

މަސްޖިދުލް އަޤްޞާ ހުންނަ ސަރަޙައްދުގައި ނަޞާރާއިންނާއި ޔަހޫދީންގެ މުޤައްދަސް ބިނާތަކެއް ހުންނަކަމަށް އެ މީހުން ޤަބޫލުކުރެއެވެ. އެގޮތުން ހަރުކަށި ފިކުރުގެ ޔަހޫދީން ފާޅުގައި ގޮވާލަމުން ދަނީ އަޤްޞާ ހުންނަ ބިމުގައި ޔަހޫދީ ދީނުގެ ފައްޅިއެއް އެޅުމަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކުން އަޤްޞާ ހުންނަ ބިމުގައި އަޅުކަންކުރުމުގެ ޙުއްދަ ލިބެނީ ހަމައެކަނި މުސްލިމުންނަށެވެ.

ހަރުކަށި ފިކުރުގެ ޔަހޫދީން އަޤްޞާއަށް ވަދެގަނެފައިވަނީ މިދިޔަ ރަމަޟާން މަހުގެ ފަހުކޮޅު އެ މިސްކިތުގައި ނަމާދުކުރަން ތިބި މުސްލިމުންނަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން ޙަމަލާ ދިނުމަށްފަހު އެތައް ސަތޭކަ މީހުން ޒަޚަމުކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސާއި މަސްޖިދުލް އަޤްޞާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އެގޮތުން މެއި މަހުގެ 10ވަނަ ދުވަހުގެ ފަހުން އެ ސަރަޙައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ފަލަސްޠީނުގެ 25 މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ 4 ކުޑަކުދިންވެސް ހިމެނެއެވެ. އޭގެ އިތުރުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން އެ ސަރަޙައްދުތަކުގައި ހިންގަމުންދާ އަނިޔާވެރި ޖަރީމާތަކުގައި ފަލަސްޠީނުގެ 7،000އަށްވުރެ މީހުންވަނީ ޒަޚަމުވެފައެވެ. ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްޠީނުގެ ޒުވާނުން ނުކުތުމުން އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ 850 މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ އެތައް ސަތޭކަ ކުޑަކުދިންވެސް ހިމެނެއެވެ.

އޭގެ އިތުރުން އިރުމަތީ ޤުދުސްގެ ޝައިޚް ޖައްރާޙުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ބައެއް ޢާއިލާތައް ގެދޮރުން ނެރުމަށްވެސް އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ސަރުކާރުން ދަނީ މަސައްކަތް ކުރުމުންނެވެ. ޔަހޫދީން ނިންމާފައިވަނީ ޝައިޚް ޖައްރާޙުގައި ދިރިއުޅޭ ފަލަސްޠީނުގެ 12 ޢާއިލާއެއް ގެދޮރުން ނެރުމަށެވެ. އަދި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ ޝައިޚް ޖައްރާޙަށް އެއްވެސް މީހަކަށް ނުވަދެވޭނެ ގޮތަށް އެ ސަރަޙައްދު ބަންދުކޮށްފައެވެ. އެއާއެކު މިދިޔަ އޭޕްރިލް މަހުގެ 13ވަނަ ދުވަހުން ފެށިގެން ޝައިޚް ޖައްރާޙުގައި ދަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންނެވެ. ޝައިޚް ޖައްރާޙުގެ މައްސަލަ އިސްރާއީލުގެ ސުޕްރީމު ކޯޓަށް ހުށަހެޅުމުން މިހާރު އޮތީ ޙުކުމު ކުރުމުގެ މަރުޙަލާގައެވެ. ނަމަވެސް ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ލިބޭނެ ގޮތަކަށް ޔަހޫދީ ކޯޓަކުން ނިންމުމެއް ނިންމުން ވަރަށް ނާދިރެވެ.

މެއި މަހުގެ 10ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިސްރާއީލަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދޭން ޖެހުނު ސަބަބުތަކުގެ ތެރޭގައި ޝައިޚް ޖައްރާޙް ހިމެނޭހެން އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިމެނެއެވެ. އެގޮތުން އިރުމަތީ ޤުދުސުން ޔަހޫދީ ފައުޖުތައް ފަހަތަށް ޖެހުމަށް ޙަމާސުން ދިން މުޙްލަތުގައި އެކަން އެގޮތަށް ނުކުރުމުން 11 ދުވަސްވަންދެން ޙަމާސުން އިސްރާއީލުގެ އެކި ސަރަޙައްދުތަކަށް 4،000އަށްވުރެ ގިނަ ރޮކެޓު ޙަމަލާތައް ދީފައިވެއެވެ. ރައްދުގައި އިސްރާއީލުގެ ޢުދުވާނީ ޙަމަލާތައްވަނީ ޙަމާސުން ޙަރަކާތްތެރިވާ ޣައްޒާއަށް އަމާޒުކޮށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޙަމަލާބަދަލުކުރުން ހުއްޓައިލުމަށް ޙަމާސުން އެއްބަސްވެފައިވަނީ އިރުމަތީ ޤުދުސްގައި ޔަހޫދީން އެއްވެސް ޖަރީމާއެއް ނުހިންގުމަށް ޝަރުތުކޮށްފައެވެ. ޙަމާސުން ބުނެފައިވަނީ ޤުދުސަށް އަތްގަދަކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ލޭއޮހޮރުވާނަމަ އަނެއްކާވެސް ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ތައްޔާރަށް ތިބިކަމަށެވެ.