ކުޅިވަރު

ހާލަންޑްގެ ދެލަނޑާއެކު ތިންވަނަގައި ޑޯޓްމަންޑް ސީޒަން ނިންމާލައިފި


އާލިން ހާލަންޑް ކާމިޔާބުކޮށްދިން 2 ލަނޑާއެކު ޖަރުމަނު ލީގުގެ ތިންވަނަގައި އޮވެ ޑޯޓްމަންޑުން ސީޒަން ނިންމާލައިފިއެވެ.

ޖަރުމަނު ބުންޑަސްލީގާގައި ފަހު ދުވަހު އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޑް ކާމިޔާބުކުރީ ބަޔާ ލެވަކޫސަންއާ ވާދަކޮށް 3-1 ލަނޑުންނެވެ. މެޗު ފަށައިގެން 5ވަނަ މިނިޓުގެ ތެރޭ ހާލަންޑް ޑޯޓްމަންޑަށް ލީޑު ނަގައިދިން އިރު މެޗުގައި ޑޯޓްމަންޑުން ލީޑް އިތުރަށް ފުޅާކުރީ ދެވަނަހާފްގެ 6ވަނަ މިނިޓުގެ ތެރޭގައި މާކޯ ރުއެސް ކާމިޔާބުކުރި ލަނޑުންނެވެ. ޑޯޓްމަންޑްގެ ތިންވަނަ ލަނޑު ހާލަންޑް ކާމިޔާބު ކުރި ލަވެކޫސަންއަށް ސުން ކަނޑުވާލެވުނީ މެޗުގެ ފަހުމިނުޓުގައި ލިބުނު ޕެނެލްޓީއަކުން ލާސްން ބެންޑާ ކާމިޔާބުކުރި ލަނޑުންނެވެ.

މިމެޗަށްފަހު ހާލަންޑް ވަނީ އޭނާ ބޭނުންކުރި ޖާޒީ މިމެޗަށްފަހު ރިޓިޔާކުރި ރެފްރީ މެނުއަލް ގްރޭފް އަށް ހަދިޔާކޮށްފައެވެ. މި ސީޒަންގައި ހާލަންޑް ވަނީ ހުރިހާ މުބާރާތެއް އެއްކޮށް އޭނާ ކުޅުނު 49 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައެވެ.

ޖަރުމަނު ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކުލޯން ވަނީ ރެލިގޭޓްވެފަ އޮތް ޝާލްކޭ އަތުން މޮޅުވެ ރެލިގޭޝަން ޕްލޭއޯފް ޖާގަ ހޯދާފައެވެ. 2003 ވަނަ އަހަރު ބުންޑަސް ލީގާ ކާމިޔާބުކުރި ވާޑާބްރޭމަން މޮންޗެންގްލެޑްބެކް އަތުން ބަލިވެ ރެލިގޭޓްވިއިރު މިއީ 40 އަހަރު ފަހުން މޮންޗެންގްލެޑްބެކް އަތުން އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ.