ދީން

ޙައްޖަށް ޤައުމުތަކަށް ކޯޓާ ދޫކުރާނެ އަދަދު ކަނޑައަޅަނީ


މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ޤައުމުތަކަށް ކޯޓާ ދޫކުރާނެ އަދަދު ކުރިޔަށް އޮތް 2 ހަފްތާގެ ތެރޭގައި ކަނޑައަޅާ އިއުލާން ކުރާނެކަމަށް ސައުދީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފިއެވެ. ޙައްޖުގެ އަޅުކަމުގެ ކަންކަން ކަނޑައެޅުމުގައި ނިންމަންޖެހޭ ކަންކަން ނިންމުމަށް ސައުދީގެ ސުޕްރީމް ޙައްޖު މަސައްކަތް ކުރަމުން އަންކަމަށްވެސް ހަބަރުތައް ބުނެއެވެ.

ބައެއް ހަބަރުތައް ބުނާ ގޮތުން މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ 60،000 މީހުންކަމަށެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަންވެސް ކުރިޔަށްދާނީ ކޯވިޑުން ރައްކާތެރިވުމަށް އަޅައި ޚާއްޞަ ފިޔަވަޅުތަކާއެކުއެވެ. މި ފިޔަވަޅުތަކާއި އެކު މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި 60،000 މީހުންނަށް ބައިވެރިވޭއިރު މީގެތެރެއިން އެ ޤައުމަށް އެތެރެވޭނީ 15،000 މީހުންނަށްކަމަށް ހަބަރުތައް ބުނެއެވެ. އަނެއް 45،000 މީހުންނަކީ ސައުދީ ރައްޔިތުންނާއި އެ ޤައުމުގައި އުޅޭ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިދިޔަ އަހަރުވެސް ޙައްޖުގެ އަޅުކަން ކުރިޔަށް ގެންގޮސްފައިވަނީ ސައުދީން ބޭރުން އެއްވެސް މީހަކު އެޤައުމަށް އެތެރެނުކޮށެވެ. އަޅުކަމުގައި ބައިވެރިކުރީ އެޤައުމުގެ ރައްޔިތުންނާއި އެޤައުމުގައި އުޅޭ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުން އެކަންޏެވެ. ޖުމްލަ 1000 މީހުނާއިގެ ކުރިޔަށް ގެންދިޔަ މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ސއުދީގައި ކިޔަވަމުންދާ ދިވެހި 6 ކުއްޖަކަށްވެސް ވަނީ ލިބިފައެވެ. އަދި މިދިޔަ އަހަރުގެ ޙައްޖުގައި ބައިވެރިވި އެންމެންގެ ހުރިހާ ހަރަދެއްވެސް ބެލެހެއްޓީ ސައުދީ ސަރުކާރުންނެވެ.