ޚަބަރު

ނުގޮވައި އޮތް 300 ބޮން ޣައްޒާއިން ފެނިއްޖެ


އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއަށް ދިން ޙަމަލާތަކުގައި ބޭނުންކުރި ބޮންތަކުގެ ތެރެއިން ނުގޮވައި އޮތް 300 ބޮން ފެނިއްޖެއެވެ.

މެއި މަހުގެ 10ވަނަ ދުވަހު އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ލާއިންސާނީ ޙަމަލާތަކެއް ދީފައެވެ. އެގޮތުން ޔަހޫދީ ލަޝްކަރުތަކުންވަނީ ވައިގެ މަގުންނާއި ކަނޑު މަގުންނާއި އެއްގަމު މަގުން ގިނަ ޢަދަދެއްގެ ޙަމަލާތަކެއް ޣައްޒާއަށް ދީފައެވެ. އެ ޙަމަލާތަކުގައި އިސްރާއީލުގެ ޢުދުވާނީ ފައުޖުތަކުން ބޭނުންކޮށްފައިވަނީ އެންމެ ޒަމާނީ ހަތިޔާރެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 250އަށްވުރެ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުގެ ޔަހޫދީ ދަޢުލަތަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް އެއްވެސް ޝަރުތަކާ ނުލައި ޙަމަލާދިނުން ހުއްޓާލާފައިވަނީ މެއި މަހުގެ 21ވަނަ ދުވަހުއެވެ.

ޣައްޒާގެ ފުލުހުންގެ އިސްވެރިޔާ މުޙައްމަދު ޞަލާހު ވިދާޅުވީ ޙަމަލާތަކަށްފަހު ޙާލަތު ދެނެގަތުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން އިސްރާއީލުގެ ޢުދުވާންތަކުގައި ނުގޮވައި އޮތް 300 ބޮން ފެނިފައިވާކަމަށެވެ އަދި އެ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުންނާއި ދަރުމަވެރިން ދަނީ ވެއްޓިފައިވާ އިމާރާތްތައް ސާފުކުރަމުންނެވެ. މީގެ ކުރިން ޣައްޒާގެ ބިންގަރާހަކުން ޝަހީދުވެފައިވާ 5 މީހުންނާއި ޒަޚަމުވެފައިވާ 10 މީހުން ފެނިފައިވެއެވެ. އެ މީހުންނަކީ އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުން ޣައްޒާ ދިފާޢުކުރުމުގައި ޙަރަކާތްތެރިވި ޙަމާސް ޖަމާޢަތަށް ނިޞްބަތްވާ ބައެކެވެ.