ޚަބަރު

ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހު ޕޮލިހުން ކެނޑުނީ މިއަހަރު!


ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު ފާތިހުއަކީ ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު މީހެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތުގައި ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހު ހައްޔަރުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ފާތިހު ހައްޔަރުކުރުމުން ބައެއް ފަރާތްތަކުން ވަނީ އޭނާ އަކީ ފުލުހުންގެ ތެރޭގައި އުޅުނު މީހެއްކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި ފާތިހުއަކީ ފުލުހުންގެ ވަޒީފާގައި އުޅުނު މީހެއްކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި ފާތިހު ފުލުހުންގެ ވަޒީފާގައި އުޅުނުއިރު އޭނާއަކީ ޕޮލިސް އިންޓެލިޖެންސްގައި އުޅުނު މީހެކެވެ. އަދި އޭނާ އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވީ މިއަހަރުކަމަށްވެސް އެނގިފައިވެއެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފާތިހު ހިމެނޭހެން 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދުއެވެ.

މި ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން އަންނަނީ ހަތިޔާރާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ. މިގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަނުގައި މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 9 މީހަކު ހައްޔަރުކުރީ އައްޑޫ ސިޓީންނެވެ. އަދި މާލެއިން 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މާލެއިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކަކީ ސޫރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސޫރިޔާއަށް ގޮސް ހުއްޓާ މީގެ ދެ އަހަރެއްހާ ދުވަސްކުރިން ހައްޔަރުކޮށްގެން މާލެ ގެނައި މުހައްމަދު ނާޒިމު ނަމަކަށް ކިޔާ މީހެކެވެ. އަދި އަނެއްކަކީ ހިމަންދޫގައި 2007 ގައި ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަބްދުﷲ އަލީ ނަމަކަށް ކިޔާ މީހެކެވެ.