ޚަބަރު

ޙަމަލާ ބަދަލުކުރުން ހުއްޓާލިފަހުން ފަލަސްޠީނުގެ 100އަށްވުރެ ރައްޔިތުން ޒަޚަމުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްރާއީލުގެ ޔަހޫދީ ދަޢުލަތަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ޙަމަލާދިނުން ހުއްޓާލާފައިވަނިކޮށް ހިނގި ހަމަނުޖެހުންތަކުގައި ފަލަސްޠީނުގެ 100އަށްވުރެ ގިނަ ރައްޔިތުން ޒަޚަމުވެއްޖެއެވެ.

ޣައްޒާގައި ހިނގަމުންދިޔަ ކުރިމަތިލުންތަކަށް ވަގުތީ ގޮތުން ނިމެމެއް އައިސްފައިވީ ނަމަވެސް ފާއިތުވި ހަފުތާތަކުގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. އެ މުޒާހަރާތަކުގައި ފަލަސްޠީނުގެ ރައްޔިތުންނާ އިސްރާއީލުގެ ޔަހޫދީ ފައުޖުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ. އެގޮތުން ކުރިމަތިލުންތައް ހިނގަމުންދާ ސަރަޙައްދުތަކުގެ ތެރޭގައި އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ޤުދުސާއި ނާބުލުސާއި އަލްޚަލީލާއި ރާމަﷲ ހިމެނެއެވެ. އެ ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ރައްޔިތުން ދަނީ އިސްރާއީލުގެ އަނިޔާވެރި އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް ކޮންމެ ދުވަހަކުވެސް މުޒާހަރާކޮށް އަޑުއުފުލަމުންނެވެ. އެ މީހުންނާ ދެކޮޅަށް ޔަހޫދީންގެ ފައުޖުތަކުން ދަނީ ރަބަރު އުނޑައާއި ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކުރަމުންނެވެ. ރައްދުގައި ފަލަސްޠީނުގެ ރައްޔިތުން ދަނީ މަގުތައް ބަންދުކޮށް، ބަޑިބޭހާއި ގަލުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކަށް ޙަމަލާ ދެމުންނެވެ.

މެއި މަހުގެ 21ވަނަ ދުވަހު އަޤްޞާގެ ހަރިންމަތެރޭގައި ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތައް ޙަމަލާދެނީ / ވީޑިޔޯ: ސޯޝަލް މީޑިޔާ

މެއި މަހުގެ 10ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިސްރާއީލަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދޭން ޖެހުނު ސަބަބަކީވެސް ޔަހޫދީ ފައުޖުތަކުން ހުޅަނގު އައްސޭރީގައި ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގުމެވެ. އެގޮތުން ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާއަށް ޔަހޫދީ ފައުޖުތަކުން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ޒަޚަމުވުމުން އެ ސަރަޙައްދުން ފަހަތަށް ޖެހުމަށް ޙަމާސުން މުޙްލަތެއް ދިނެވެ. އަދި އެ މުޙްލަތު ފާއިތުވުމުންވެސް ޔަހޫދީ ފައުޖުތަކުން ފަހަތަށް ނުޖެހުމުން 11 ދުވަސްވަންދެން ޙަމާސުން އިސްރާއީލުގެ އެކި ސަރަޙައްދުތަކަށް 4،000އަށްވުރެ ގިނަ ރޮކެޓު ޙަމަލާތައް ދީފައިވެއެވެ.

މެއި މަހުގެ 20ވަނަ ދުވަހު މިޞްރުގެ ސަރުކާރުން ހުށަހެޅި ގޮތަށް ޙަމާސުން ޙަމަލާބަދަލުކުރުން ހުއްޓާލާފައިވަނީ ޔަހޫދީ ފައުޖުތަކުން ޤުދުސަށް ނުވަނުމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާތައް ނުދިނުމަށް ޝަރުތުކޮށްފައެވެ. ޙަމާސުން ބުނެފައިވަނީ ޤުދުސަށް އަތްގަދަކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ލޭއޮހޮރުވާނަމަ އަނެއްކާވެސް ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ތައްޔާރަށް ތިބިކަމަށެވެ.

އޭގެ ފަހުން މެއި މަހުގެ 21ވަނަ ދުވަހު އަޤްޞާގެ ހަރިންމަތެރޭގައި ހިނގި ކުރިމަތިލުންތަކެއްގައި ފަލަސްޠީނުގެ 20 މީހުން ޒަޚަމުވެފައިވެއެވެ.