ޚަބަރު

ޝަހީދުވެފައިވާ އިތުރު ބަޔަކު ޣައްޒާގެ ބިންގަރާސްތަކުން ފެނިއްޖެ


11 ދުވަސްވަންދެން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއަށް ދިން ޙަމަލާތަކުގައި ޝަހީދުވެފައިވާ އިތުރު މީހުންތަކެއް ފެނިއްޖެއެވެ.

އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުންވަނީ ޣައްޒާގެ އިމާރާތްތަކަށް ވަރުގަދަ ޢުދުވާނީ ޙަމަލާތަކެއް ދީފައެވެ. އެގޮތުން މީހުންގެ ގެދޮރަށާއި ޞިއްޙީ މަރުކަޒުތަކަށާއި މަދަރުސާތަކަށާއި ވިޔަފާރިތަކަށާއި ކާރުޚާނާތަކަށް ޔަހޫދީންވަނީ ޙަމަލާތައް އަމާޒުކޮށްފައެވެ. އެ ޙަމަލާތަކުގައި ޣައްޒާގެ ޢުމްރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން 257 މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އަދި 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.

ޢައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި އަނިޔާވެރި ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން ނިންމުމުން ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުންނާއި ދަރުމަވެރިން ދަނީ ވެއްޓިފައިވާ އިމާރާތްތައް ސާފުކުރަމުންނެވެ. އޭގެ ތެރެއިން ބަޔަކަށްވަނީ ޙަމާސުން ބޭނުންކުރި ބިންގަރާހެއް ފެނިފައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އެ ބިންގަރާހަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އަދި ބިންގަރާހުން ޝަހީދުވެފައިވާ 5 މީހުންނާއި ޒަޚަމުވެފައިވާ 10 މީހުން ފެނިފައިވެއެވެ. ބެލެވޭ ގޮތުގައި އެ މީހުންނަކީ ޙަމާސް ޖަމާޢަތަށް ނިޞްބަތްވާ ބައެކެވެ.

ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުންނާއި ދަރުމަވެރިން މިހާރު މަސައްކަތްކުރަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުންނާއި ބިންގަރާސްތަކުގައި ޝަހީވެފައިވާ އިތުރު ބައެއް ނޫނީ ޒަޚަމުވެ، އެހީތެރިކަން ބޭނުންވާ އިތުރު ބައެއް ތިބެދާނެކަމަށް ބަލައިގެންނެވެ.