ޚަބަރު

ހުކުރު ނަމާދަށްފަހު އަޤްޞާގައި ހަމަނުޖެހުންތަކެއް، 20 މީހުން ޒަޚަމްވި


ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން އެއްބަސްވެފައިވަނިކޮށް މަސްޖިދުލް އަޤްޞާގައި ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކާ ދެކޮޅަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ހޯދި ކާމިޔާބުތަކާއެކު މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާގައި ހުކުރު ނަމާދު ކުރުމަށް އެތައް ހާސް ބަޔަކު ޖަމާވިއެވެ. ނަމަވެސް އަޤްޞާގައި ހުކުރު ނަމާދު ކުރި އިމާމު ދިން ޚުތުބާގައި ސިޔާސީ ކުލަ ޖައްސައި ފަލަސްޠީނުގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީގެ ވާހަކައާއި ޣައްޒާގެ ވާހަކަ އެއްވެސް ވަރަކަށް ނުހިމެނުމުން ޖަމާޢަތަށް ހާޒިރުވެފައި ތިބި ޢާންމުން ހިތްހަމަނުޖެހުނެވެ. އެއާއެކު މިސްކިތުގައި އަޅުކަންކުރަން ތިބި މީހުންވަނީ ނުރުހުންފައުޅުކޮށް އިމާމު މިސްކިތް ދޫކޮށް ދިޔުމަށް ގޮވާލައިފައެވެ. އެއަށްފަހު ޢާންމުންނާއި އިމާމުގެ ފާރަވެރިންނާ ދެމެދެވަނީ ހަމަނުޖެހުންތަކެއް ހިނގައިފައެވެ. އެ ހަމަނުޖެހުންތައް މައިތިރިކުރުމަށްކަމަށް ބުނެ އެ ސަރަޙައްދުގައި ފޯރިމަރަން ތިބި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ މިސްކިތަށް ވަދެ ފަލަސްޠީނުގެ ރައްޔިތުންނާ ކުރިމަތިލައިފައެވެ. އަޤްޞާއާއި ވަށައިގެންވާ ސަރަޙައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ޢާންމުންގެ 20 މީހުން ޒަޚަމްވިއެވެ. އަދި އަޤްޞާގައި ތިބި އެތައް ހާސް މީހުންނާ ކުރިމަތިލުމުގެ ބަދަލުގައި ޔަހޫދީ ފައުޖުތަކުންވަނީ ފަހަތަށް ޖެހިފައެވެ.

ފާއިތުވި ހަފުތާތަކުގައި ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. އެ މުޒާހަރާތަކުގައި ފަލަސްޠީނުގެ ރައްޔިތުންނާ އިސްރާއީލުގެ ޔަހޫދީ ފައުޖުތަކާ ދެމެދު ކުރިމަތިލުންތައް ހިނގައެވެ. ޙަމާސް ޖަމާޢަތުން ބުނެފައިވަނީ ޤުދުސަށް އަތްގަދަކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ލޭއޮހޮރުވާނަމަ އަނެއްކާވެސް ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭން ތައްޔާރަށް ތިބިކަމަށެވެ.