ޚަބަރު

ދިވެހިންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަތް - ރިޔާދް މާލިކީ


އެންމެފަހުން އިސްރާއީލުން ދިން ޙަމަލާތަކާ ގުޅިގެން ކުރިމަތިވި ދަތި ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަތްކަމަށް ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާދް މާލިކީ ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް އެކްސްޕެޓްރިއެޓްސް ރިޔާދް މާލިކީ މިހެން ވިދާޅުވީ ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި ބޭއްވި އދ.ގެ ޢާއްމު މަޖިލީހުގެ ބަހުސްގެ ހަވާސާގައި ރާއްޖޭގެ ޚަރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވަައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ މެދުގައިއޮތް ޒަމާންވީ އެކުވެރި އަދި އަޚުވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، ހައްޤުތައް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް ތާއީދުކުރާނެކަން ތަކުރާރުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްއާއި ދިވެހި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައިކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލްމާލިކީގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންގެ ހެޔޮ ބަސްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިމަތިވި ދަތި ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަންނަކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ފަލަސްޠީނުގެ މައްސަލާގައި ދިވެހި ސަރުކާރުން ދެކޭ ގޮތް ބަދަލުނުވާނެކަމަށާ، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރާނެކަމުގެ ޔަޤީންކަން ރިޔާދް މާލިކީއަށް ދެއްވާފައެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި އދ.ގެ އާއްމު މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގެ ފަހުން، ޙަމަލާ ބަދަލުކުރުން ހުއްޓާލާނެކަމަށް އިސްރާއީލުން ހާމަކުރުމާ ގުޅިގެން، އެކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން އިހަށްވުރެ ބޮޑަށް ބޭނުންވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދުވަނީ ރޭ ބޭއްވި އދ.ގެ ޢާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު ވަކިވަކިން ބައްދަލުކުރައްވާފައެވެ.

އެގޮތުން އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން އަލްސާފާދީއާ، އަލްޖީރިއާގެ ޚާރިޖީ ވަޒީރު ސަބްރީ ބުޤަދޫމާއި ކުވައިތުގެ ޚާރިޖީ ވަޒީރު ޑރ.އަޙްމަދު އަލް ނާސިރް އަލް މުޙައްމަދު އަލް ސަބާޙްގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާނާއި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތު ޝަވްޝޮލޫއާއި އިންޑޮނީޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރޭޝީއާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި މަޝްވަރާކުރުމަށް، އދ.ގެ އާއްމު މަޖިލީހުގެ ރައީސް ބޭއްވެވި ބައްދަލުވުމުގައި ފަލަސްތީން، ސަޢޫދީ ޢަރަބިއްޔާ، އަލްޖީރިއާ، އިންޑޮނީޝިއާ، އުރުދުން، ކުވައިތު، ޕާކިސްތާން، ޤަތަރް، ޓިއުނީޝިއާ އަދި ތުރުކީގެ ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި، އިސްރާއީލުން އިރުމަތީ ޤުދުސާއި ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދިޔަ ޢުދުވާންތައް ކުށްވެރިކުރައްވައި މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.