ޚަބަރު

ލިބުނު ނަޞްރާއެކު ފަލަސްޠީނަށް އުފާވެރިކަން


ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުން އެއްބަސްވުމުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ޢާންމުން އުފާ ފައުޅުކުރަން ފަށައިފިއެވެ.

މީގެ 11 ދުވަސް ކުރިން އިސްރާއީލުންވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ލާއިންސާނީ ޙަމަލާތަކެއް ދޭން ފަށައިފައެވެ. އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ރަޙުމުކުޑަ ޙަމަލާތަކުގައި ފަލަސްޠީނުގެ 240އަށްވުރެ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އޭގެ އިތުރުން 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.

އިސްރާއީލުން ހިންގަމުންދިޔަ ލާއިންސާނީ ބޮޑެތި ޖަރީމާތަކުން ފަލަސްޠީނުގެ ރައްޔިތުން ދިފާޢުކުރުމުގެ ގޮތުން 1948ވަނަ އަހަރުން ފެށިގެން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ އެކި ސަރަޙައްދުތަކަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އެގޮތުން ޙަމާސުން ދިން 4،000އަށްވުރެ ގިނަ ޙަމަލާތަކުގައި ޔަހޫދީންގެ ސިނާޢީ ސަރަޙައްދުތަކަށާއި އިމާރާތްތަކާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި އެ ޙަމަލާތަކުގައި ޔަހޫދީންގެ 12 މީހުން މަރުވެ، 800އެއްހާ މީހުން ޒަޚަމުވެފައިވެއެވެ. އެންމެ ޒަމާނީ ވައިގެ ދިފާޢީ ނިޒާމު ޤާއިމުކޮށްފައިވާ އިސްރާއީލަށް ފާއިތުވި 11 ދުވަހުގެ ތެރޭގައި ޙަމާސުން ދިން ޙަމަލާތަކުގައި 2.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ. އަދި އިސްރާއީލުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި އެތެރޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމުވެސްވަނީ ހުއްޓުމަކަށް އައިސްފައިވެއެވެ. އޭގެ އިތުރުން ފަހުގެ ތާރީޚެއްގައި އެ ޤައުމުގެ ފައިސާގެ އަގު ދަށަށް ނުދާ މިންވަރަށްވަނީ ދަށަށްގޮސްފައެވެ. ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން ބަލި ޤަބޫލުކޮށް ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުންވަނީ އެއްބަސްވެފައެވެ.

އެއްވެސް ޝަރުތަކާ ނުލައި ޔަހޫދީން ބަލި ޤަބޫލުކޮށް ފަހަތަށް ޖެހެން އެއްބަސްވިކަން އިޢުލާނުކުރުމުން ޣައްޒާގެ އެތައް ހާސް ރައްޔިތުންވަނީ މަގުތަކަށް ނުކުމެ އުފާ ފައުޅުކުރަން ފަށައިފައެވެ. ހަނގުރާމައިގެ ސަބަބުން ޢީދު ފާހަގަ ނުކުރެވުނު ޣައްޒާގެ މަގުތައްވަނީ ތަކުބީރުގެ އަޑުން ގުގުމާލައިފައެވެ. ޢާންމުން ދަނީ ފަލަސްޠީނާއި ޙަމާސްގެ ދިދަތައް ވިހުރަމުންނެވެ. ރޭގަނޑުގެ ވަގުތުގައި ޣައްޒާއަށް އަލިކަން ގެނެސްދީފައިވަނީ ރޮކެޓުގެ އަލިފާނުގެ ބަދަލުގައި ބަޑިބޭހުގެ އަލިންނެވެ. އިރުމަތީ ޤުދުސްގައި ގިނަ ބަޔަކުވަނީ ޔަހޫދީ ފައުޖުތަކުގެ އުނދަގުލާއި ދުއްތުރާތަކާ ނުލައި މަސްޖިދުލް އަޤްޞާއަށް އެއްވެފައެވެ. އަދި ލިބުނު ނަޞްރު ފާހަގަކުރުމަށް އާންމުން ދަނީ ފޮނިކާތަކެތި ބަހަމުންނެވެ. އޭގެ އިތުރުން ޙަމަލާތަކުގެ ސަބަބުން ފާހަގަ ނުކުރެވުނު ޢީދުގެ ޖާފަތްތައް ދަނީ ތައްޔާރުކުރަމުންނެވެ. މުޅި ފަލަސްޠީނުގެ ރޫޙުވަނީ ބަދަލުވެފައެވެ.

ލިބުނު ނަޞްރާ ގުޅޭގޮތުން ޙަމާސުން ބުނެފައިވަނީ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވެއްޖެނަމަ ޔަހޫދީންގެ ހުރިހާ ސަރަޙައްދަކަށް ޙަމަލާދޭން ތައްޔާރަށް ތިބިކަމަށެވެ.