ކުޅިވަރު

ޖޮފްރާ އާރޗަރގެ އަތުގެ އޮޕަރޭޝަނެއް ކުރަނީ


އިންގްލަންޑް ކްރިކެޓް ޓީމްގެ ބާރު އުކުންތެރިޔާ ޖޮފްރާ އަރޗަރގެ އުޅަނބޮއްޓަށް ލިބިފައިވާ އަނިޔާ ރަނގަޅު ނުވާތީ އޮޕަރޭޝަނެއް ކުރަން ނިންމައިފިއެވެ. މިރޭގެ ވަގުތެއްގައި އަރޗަރގެ އޮޕަރޭޝަން ކުރުމަށް ވަނީ ނިންމާފައެވެ.

އުމުރުން 26 އަހަރުގެ މިކުޅުންތެރިޔާގެ އުޅަނބޮއްޓަށް ލިބފައިވާ އަނިޔާއާގުޅިގެން މިއަހަރުގެ މާރޗް މަހުގެ ތެރޭގައިވަނީ ފަރުވާދީފައެވެ. އަދި އޭގެފަހުން އޭނާއަށް ކުޅެވިފައިވަނީ ދެ މެޗެވެ. އަރޗަރ ވަނީ އިންގްލަންޑް ޓީމަށް މިހާތަނަށް 13 ޓެސްޓް މެޗާއި 17 އެއް ދުވަހުގެ މެޗާއި އަދި ޓީ ޓުވެންޓީގެ 12 މެޗް ކުޅެފައެވެ. އަދި 2019 ވަނަ އަހަރުގެ ވާރލްޑް ކަޕް ކާމިޔާބުކުރި އިންގްލަންޑް ޓީމްގައި އަރޗަރ ހިމެނުނެވެ.

އަރޗަރއަށް ލިބިފައިވާ އަނިޔާގެ ސަބަބުން 2020 ވަނަ އަހަރު ދެކުނު އެފްރިކާއަށް ކުރި ޓުއަރގެ ގިނަ މެޗްތަކުގައި ނުކުޅެވުނުއިރު އިންޑިއާ އާއެކު ކުޅުނު ހަތަރުވަނަ ޓެސްޓްގައިވެސް އޭނާއަށް ނުކުޅެވުނެވެ. އަދި މިހާރު މެދުކަނޑާލާފައިވާ އިންޑިއަން ޕްރިމިއަރ ލީގު ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައިވެސް އޭނާ ކުޅެފައެއް ނުވެއެވެ. އިންގްލަންޑް އެންޑް ވޭލްސް ކްރިކެޓް ބޯޑުން ބުނީ އޮޕަރޭޝަނަށްފަހު އަރޗަރއަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށާއި ނަމަވެސް އެކަމާބެހޭ ތަފްސީލް ލިބެމުންދިޔަ ވަރަކަށް ހިއްސާ ކުރަމުންދާނެކަމަށެވެ. މިއަހަރަކީ ޓީ ޓުވެންޓީ ވާލްޑް ކަޕާއި އޭޝަސް ސީރީޒް އޮސްޓްރޭލިއާގައި ކުޅޭ އަހަރަކަށް ވާއިރު އަރޗަރ ނެތް ތަން އިންގްލަންޑް ޓީމުން ދައްކާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.